ކ. މާލެ
|
23 ޖުލައި 2020 | ބުރާސްފަތި 18:18
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު
ރައީސް އޮފީސް
އެމްއެމްޕީއާރުސީ ޚިޔާނާތް
ބޮޑު ހިޔާނާތުގައި ހިމެނޭ ހުރިހާ ރަށެއް ދޫކުރީ ގާނޫނީ އިމުން ބޭރުން!
ފަޅުތައް ނުހިމަނާ ރަށްތަކުގެ އަގު 3.4 ބިލިއަން ރުފިޔާއަށް އަރާ
ދައުލަތަށް ލިބިފައިވަނީ ލިބެންޖެހޭ އަދަދުގެ ހަތަރުބައިކުޅަ އެއްބައި
ފަޅިތަކުގެ އަގު ހިމެނުމުން ޖުމްލަ ހިޔާނާތުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު 4 ބިލިއަނަށް އަރާ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގައި ދޫކޮށްފައިވާ ރަށްރަށާއި ގުޅިގެން ހިންގި ތަހުގީގުން ރަށްތަކާއި ފަޅުތައް ދޫކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ނޫން ކަމަށް ކޮމިޝަނަށް ފާހަގަވެފައިވާކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ކުރިއިރު ތިން ކަމަކަށް އިސްކަމެއް ދިން ކަމަށެވެ.

  1. ކުއްޔަށް ދޫކުރެވުނު 37 ރަށާއި 12 ފަޅު ދޫކުރެވިފައިވަނީ ގާނޫނީ އިމުގެ ތެރެއިންތޯ
  2. އެމްއެމްޕީއާރުސީއަށް ލިބުނު 77.5 މިލިއަން ރުފިޔާ، އެހެން ދިމާލަކަށް އަނބުރާލީ ކިހިނެއްތޯ
  3. ޚިޔާނާތުން މަންފާވީ ކޮންބަޔަކަށްތޯ، ފައިސާ ބެހިގެން ދިޔައީ ކިހިނެއްތޯ

ގާނޫނީ އިމުގެ ތެރެއިން ދޫކޮށްފައިވާ އެއްވެސް ފަޅެއް އަދި ރަށެއް ނެތް

އައްސަދު ވިދާޅުވީ ދޫކޮށްފައިވާ 49 ފަޅާއި ރަށް ކުއްޔަށް ދީފައިވާ އަގަކީ ހަމަ އަގުތޯ، ކަށަވަރު ކުރުމަށްޓަކައި އޭރު ބޭނުންކުރެވުނު މިންގަނޑުތަކަށް ފައްތައިގެން ސަރޓިފައިޑް އޮޑިޓަރއެއް މެދުވެރިކޮށް މަސައްކަތް ކުރި ކަމަށެވެ.

ރަށްތަކާއި ފަޅުތައް ދޫކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިންތޯ ބެލިއިރު، އެ ރަށްތަކާއި ފަޅުތައް ދޫކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ނޫން ކަން ކޮމިޝަނަށް ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯދާފައިވާ ލިޔެކިޔުންތަކައި އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދި ލިޔެކިޔުންތަކުން މި މުއާމަލާތުގެ ގާނޫނީ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންނަމަވެސް، ކޮމިޝަނުގައި ތިއްބެވީ ގާނޫނީ މާހިރުންނަށް ނުވާތީ އޭސީސީއާ އެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.

37 ރަށް އެންމެ ފުރަތަމަ ވެސް އަޅުގަނޑު ދަންނަވައިފިން އަޅުގަނޑުމެން ބެލީމޭ އެއީ ގާނޫނީ އިމުގެ ތެރެއިން ދޫކޮށްފައި ހުރި ރަށްތަކެއްތޯ، އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި 37 ރަށާއި 12 ފަޅާއި ދީފައި އޮތީ ގާނޫނުގެ އިމުގެ ތެރެއަކުން ނޫނޭ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު

މުއާމަލާތް ހިންގާފައިވާ ގޮތް:

ކޮމިޝަންގެ ރައީސް ވިދާޅުވީ މި މުއާމަލާތްތައް ހިންގުމުގައި ބޭނުންކޮށްފައިވަނީ އިސްތިސްނާ ހާލަތު ކަމަށެވެ. އެގޮތުން ރަށެއް ދޫކުރުމަށްޓަކައި ސަރުކާރުގެ ކުންފުންޏަކާއި ސަރުކާރާއި ޖޮއިންޓް ވެންޗަރއެއް ހަދާ، އެމްއެމްޕީއާރުސީއަށް ދިނުމަށްފަހު ހަމަ އެދުވަހު އެ މޭޒު މަތިން، އެ ރަށް އެހެން ފަރާތަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިގޮތަށް މުއާމަލާތްތައް ހިންގާފައި ހުރުމުން އެއީ ގާނޫނުގައި އޮތް ކަމެއް ފޮރުވުމަށް ކޮށްފައިވާ މަސައްކަތެއްކަން އެނގޭ ކަމަށެވެ.

ފަޅުތައް ނުހިމަނާ ރަށްތަކުގެ އަގު 3.4 ބިލިއަން ރުފިޔާއަށް އަރާ

އައްސަދު ވިދާޅުވީ ފަޅުތަކުގެ އަގު ދެނެގަތުމަށްޓަކައި ބޭނުން ކުރާނެ އުސޫލެއް ނެތް ކަމަށެވެ. ރަށްރަކުގެ އަގު ދެނެގަތުމަށްޓަކައި ބޭނުންކުރާ އުސޫލުގެ މައްޗަށް ބިނާކޮށް، އެ ރަށްތަކުގެ އަގު 220 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ރަށްތަކަށް ނަގާފައިވާ އަދަދުތަކަށް ބަލާއިރު ފަޅުތައް ނުހިމަނާ، ފަޅުތައް ހިމަނަން އުނދަގޫވީ އެހާތަނަށް އައިރުވެސް އަޅުގަނޑުމެންނަކަށް ނެތް ފަޅުތައް އަގުމަގު ކުރާނެ އުސޫލެއް، ނަމަވެސް ރަށްތައް އަގުމަގު ކުރާނެ އުސޫލެއް އޮތް، އެ އުސޫލުގެ މައްޗަށް ބިނާކޮށް ބެލީމަ އަޅުގަނޑުމެންނަށް މިއުޅެނީ 77 މިލިއަން ޑޮލަރެއް ނޫން ނުލިބިގެން މިއުޅެނީ 220 މިލިއަން ނުވަތަ 3.4 ބިލިއަން ރުފިޔާ ނުލިބިގެން މިއުޅެނީ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު

ފަޅުތައް ހިމަނައިފިނަމަ 4 ބިލިއަން ރުފިޔާއަށް ވުރެ ވުރެ މައްޗަށް މި އަދަދު އަރައިގެންދާނެ ކަމަށް އަންދާޒާ ކުރެވޭއިރު ދައުލަތަށް ލިބިފައިވަނީ މި އަދަދުގެ އެންމެ ހަތަރުބައިކުޅަ އެއްބައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަންގެ ލަފާ:

އައްސަދު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ދެ ލަފާއެއް ކޮމިޝަންގެ ފަރާތުން އަރުވާފައިވާނެ ކަމަށެވެ.

އެއީ:

  1. ގާނޫނުގެ ހަމަތަކުގެ ތެރެއިން މި މައްސަލައަށް ހައްލެއް ގެނައުމަށް: މިއީ މަދަނީ މައްސަލައެއް ނަމަވެސް، ރަށެއް ހޯދުމުގެ ތެރޭގައި އެއްވެސް ކަހަލަ ޖިނާއީ މައްސަލައެއް ފާހަގަވާނަމަ، އެކަމަކަށް ހައްގު އަދަބު ދިނުން
  2. ރަށެއް ހޯދުމުގައި ކޮރަޕްޝަންގެ އަމަލެއް ފާހަގަވާނަމަ، ނުވަތަ އެނޫން ގޮތް ގޮތަކަށް، (އާމްސް ލެންތުގައި) ވިޔަފާރިވެރިއަކު ނުވަތަ އިންވެސްޓަރަކު މިފަދަ އަމަލެއް ހިންގާފައިވާ ނަމަ އެ ދެ ކަންތައް ތަފާތުކުރުން
- ކޮމެންޓް