އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލުމުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކަށް ނަގައިދިނުމަށް އެދެމުންދާތީ ބަދަލުދިނުމާއި ބެހޭ އުސޫލެއް ވަރަށް އަވަހަށް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.
އުތުރު ޕްރޮވިންސް ގައި ފެރީ ދަތުރުގެ ނިޒާމު ގާއިމުކޮށް ހިންގުމަށް 2010 ވަނަ އަހަރު ފެށި ޕްރޮޖެކްޓްގެ ޚާއްސަ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއެކު މާލިއްޔަތު ކޮމިޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ މިކަމުގައި ދުނިޔޭގެ އެހެން ގައުމުތަކުން އަމަލުކުރަމުންދާ ގޮތް ބަލާ ދިރާސާކޮށްފައިވާ ކަމަށެވެ. މިގޮތަށް ބަލާއިރު ފުރަތަމަ ކަމަކަށް އެއްބަސްވުން ބާތިލްކުރަނީ ކޮން ފަރާތަކުންތޯ ބަލަންޖެހޭ ކަމަށާއި އެއްބަސްވުން ބާތިލް ކުރަނީ ސަރުކާރުގެ އިހުމާލުން ކަމަށްވާނަމަ އެއްބަސްވުން ބާތިލްކޮށްގެން ވާ ގެއްލުމުގެ ބަދަލު ފުރަތަމަ ދުވަހުން ފެށިގެންވެސް ދޭންފަށަން ޖެހޭނެކަމަށް ޒިޔަތު ވިދާޅުވި އެވެ.
ދެން ބަދަލުދެވޭނެ ފުރަތަމަ ކަމަކަށް މިވަނީ ބަދަލުދެވޭނެ އިންވެސްޓްމަންޓް ތަކެއް ހުރުން. އެދުވަހުގެ އިންވެސްޓްމަންޓް މިއަދުގެ އަގަށް ގެނައުން. ދެން ބިޒްނަސް ލޮސް. މިސާލަކަށް ބިޒްނަސް ލޮސް އަށް ވަރަށް މަދު ޖޫރިސްޓިކްޝަންތަކުގައި އެބަހުރި ބަދަލުދީފައި. އެހެންނަމަވެސް އުފަންނުވާ ވިޔަފާރިއަކަށް ބަދަލުދިނުން އެއީ އޮންނަ ގޮތެއްނޫން. އެއްވެސް ތާކު ކުރާކަމެއްނޫން އެއީ. ޕޭޕަރ ކުންފުނިތައް ހަދާފައި ދެން ބޮޑެތި ބަދަލުތައް ހޯދުމަށް ކްލެއިމް ކުރަނީ.އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
އޮޑިޓަރ ޖެނެރަލް ވިދާޅުވީ ހަތަރު ފަސް އަހަރުގެ ވިޔަފާރިއެއް ކުރަމުން އައިސް ހުއްޓުމަކަށް އައުމުން ބައެއް ފަހަރު ބަދަލުދީފައި އެބަހުރިކަމަށެވެ. އެއީ އެމީހުންނަށް އެވިޔަފާރި ފެއްޓުމުގެ ފުރުސަތު ދިނުމުގައި ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެހެންކަމުން ބަދަލުދިނުމާއި ގުޅޭގޮތުން އޮޑިޓް އޮފީހުން އެކުލަވާލާ އުސޫލުތަކުގައި ހިފެހެއްޓުމަށް އޮޑިޓަރ ޖެނެރަލް އެދިވަޑައިގެންނެވި އެވެ.
ގެއްލުމުގެ ބަދަލު ހޯދުމަށް އެކިފަރާތްތަކުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ކޯޓުން ބޭރުގައި މައްސަލަތައް ނިންމާ ސަރުކާރުން ވަނީ ބައެއް ފަރާތްތަކަށް ގެއްލުމުގެ ބަދަލުދޭނެ ކަމަށް ބުނެފައެވެ. އެގޮތުން އުތުރު ޕްރޮވިންސްގެ ފެރީ ނިޒާމު ގާއިމުކުރުމަށް ހަވާލުކުރި ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ދޭން ނިންމިއެވެ. އަދި ދައުލަތުގެ މީޑިޔާކުރިން ހިންގަމުން އައި އެމްއެންބީސީން ޕްރޮގްރާމްތައް މާކެޓްކޮށްގެން ލިބެން ޖެހޭ 78 މިލިއަން ރުފިޔާ ދިނުމަށް، ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ށްވެސް ވަނީ ސަރުކާރުން ފައިސާދީފަ އެވެ.
ގެއްލުމުގެ ބަދަލުގެގޮތުގައި ބޮޑެތި އަދަދުތަކެއް ސަރުކާރުން ދައްކަމުންދާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުން ދާއިރު އެކަން ވަކި އުސޫލެއްގެ ތެރެއިން ހިނގަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ މިކަމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ.