ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އަންގަވައިފިއެވެ.
ދީބާޖާ ކުންފުންޏަށް ބަދަލު ދިނުމާއި ގުޅޭ މައްސަލާގައި އޮޑިޓާ ޖެނެރަލް އޮފީހުން ބުދަ ދުވަހު ނެރެފައިވާ ރިޕޯޓުގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދީބާޖާއާއި އެކު އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން ހެދި އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީން 2013 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ބާތިލް ކޮށްފައިވަނީ ދީބާޖާއާއި އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުދޭތީ ކަމަށެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް އަލުން ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން ދިން މުއްތަދުގައިވެސް އެ ހިދުމަތް ފޯރިކޮށްދީފައި ނުވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އެ އެއްބަސްވުމުގެ ބައެއް ކަމުގައިވާ އާރްއެފްޕީގެ 6.32.1 ވަނަ މާއްދާގެ (ޑީ) ގެ ދަށުން އެ އެއްބަސްވުން ބާތިލްކުރުމުގެ ބާރު ސަރުކާރަށް ލިބިފައިވާވާތީ، ދަތުރުފަތުރުގެ އެއްބަސްވުން އުވާލުމާ ގުޅިގެން ދީބާޖާ އިންވެސްޓްމެންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނެފައި ވެއެވެ.
މީގެއިތުރުން، އެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ކުޑަކުރަތު ދޫކޮށްފައިވަނީ ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން ކަމަށާއި އެރަށް ދީފައިވަނީ ދީބާޖާއާއި އެކު ވެފައިވާ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށްވި އެއްބަސްވުން އުވާލުމުން އެ ރަށް އަނބުރާ ސަރުކާރަށް ލިބޭ ގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.
އަދި ދަތުރުފަތުރުގެ އެއްބަސްވުން އުވާލެވޭއިރު އެ ރަށް އެހެން ފަރާތަކަށް ސަބްލީޒްކޮށްފައިވާ ނަމަ އެ ފަރާތަކާއެކު އަލުން ސަރުކާރުން އެއްބަސްވުން ހަދައިގެން ކުރިއަށް ގެންދެވޭނެ ކަމަށާި އަދި ދަތުރުފަތުރުގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތުގެ މަތިން އެ ރަށް މިހާރު ވަނީ ސަބްލީސް ކުރި ފަރާތަށް ހެޑް ލީސް ބަދަލު ކުރެވިފައި ކަމަށް ވާތީ ދީބާޖާ އިން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުވަތަ މާލީ ބަދަލެއް ނުދިނުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެރިޕޯޓްގައި ބުނެފައި ވެއެވެ.
ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ވަނީ އެމައްސަލަ ހުށަހަޅާފަ އެވެ.
ދީބާޖާ މައްސަލަ ރިވިއުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ޖެނުއަރީ 22 ގައެވެ. އަދި އެއީ އެ ކޯޓުގެ ގަވައިދާ އެއްގޮތަށް ހުށައެޅިފައިވާ މައްސަލައެއް ކަމުގައިވާތީ މައްސަލަ ހުށައެޅުމަށް ވަނީ ހުއްދަ ދީފައެވެ. ނަމަވެސް މިމައްސަލައިގެ އެއްވެސް އަޑުއެހުމެއް އަދި މިހާތަނަށް ބާއްވާފައެއް ނުވެއެވެ.
ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރު ދަމަހައްޓާފައިވަނީ ސުޕްރީމް ކޯޓުންނެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ ބެންޗުންނެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުގެ ބެންޗާމެދު ދިވެހި ރައްޔިތުންގެ ގިނަ ބަޔެއްގެ މެދުގައި ޝައްކު އެފެދި، އަދި ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް އެތައްކަމެއް ކުރައްވާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވުމުން، އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އަދި ތުހުމަތު ކުރެވޭ މައްސަލަތައް ބެލަން ފެށުމާއެކު، ބައެއް ފަނިޑޔާރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމް 2018 ވަނަ އަހަރުގެ ތެރޭގައި ހައި ކޯޓުން ބާތިލްކުރިއެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވެފައި ވަނިކޮށް ހައިކޯޓުން އެ މައްސަލަ ބަލައިގެންފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓަން އެ ކޯޓުން ނިންމީ މިކަމުގެ މައްޗަށް ރިއާޔަތްކޮށެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ކުރިން ނިންމި ނަމަވެސް އެ ފައިސާ އެ ކުންފުންޏަށް ދައްކާފައެއް ނުވެއެވެ. އަދި ފައިސާ ނުދީގެން ދީބާޖާއިން އޮތީ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް މައްސަލަވެސް ހުށައަޅާފައެވެ.