ކޮވިޑް-19 ޕޮޒިޓިވް ކަމަށް ދެއްކި ނ. ކުޑަފަރީގެ އުމުރުން 92 އަހަރުގެ ފިރިހެން މީހާގެ ފަހުން ކުރި 2 ޓެސްޓުން ވެސް ނަތީޖާ ނެގެޓިވް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެމިހާ ނަތީޖާ ޑަބަލް ނެގެޓިވްވުމުން ސިއްހީ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް އައިޖީއެމްއެޗަށް ބަދަލުކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ދެވަނަ ޓެސްޓު ކުރެވުނީ ގާތްގަނޑަކަށް ފަސް ނުވަތަ ހަ ދުވަސް ފަހުން ކަަމަށް ވާތީވެ ފުރަތަމަ ނަތީޖާ އަކީ ފޯލްސް ޕޮޒިޓިވްވުމެއްކަމަށް އެކަށީގެންވާ ކަމަށެވެ. ނުވަތަ އެމީހަކީ މިހާރު ބަލިން ރަނގަޅުވެފައިވާ މީހަށްވުން ވެސް އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން ޕޮޒިޓިވް ކޭސްއަކާ ގުޅިގެން އަމަލު ކުރާ އުސޫލުން އޭނާއާ ކޮންޓެކްޓްވި މީހުން ދެނެގަނެ ކަރަންޓީން ކުރުމަށްފަހު މުއްދަތު ފުރިހަމަވުމުން ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މި މީހާ ފައި ބިނދިގެން ފުރަތަމަ ފަރުވާ ދީފައިވަނީ ނ. މަނަދޫ ހޮސްޕިޓަލްގައެވެ. އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 30 މީހަކު ފާހަގަކުރެވި ކަރަންޓީން ކުރެވިފައިވާ ކަމަށް ކުޑަފަރީ ކައުންސިލުން މައުލޫމާތުދެއެވެ.