ކ. މާލެ
|
22 ޖުލައި 2020 | ބުދަ 19:24
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މާޒިޔާ - އޭއެފްސީ ކަޕް
"އަމާޒަކީ އޭއެފްސީ ކަޕްގައި ދިވެހި ޓީމަކުން މިހާތަނަށް ދަތުރުނުކުރާ ހިސާބަކަށް ދިއުން"
ނިޒާމްބެ މާޒިޔާއާ ހަވާލުވީ އަންނަ ސީޒަނުގެ ނިޔަލަށް
މާޒިޔާ އަންނަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަމުން
އޭއެފސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅައި އަނެއް ބުރަށްދިޔަ ހަމައެކަނި ދިވެހި ޓީމަކީ ނިއުރޭޑިއަންޓް

އޭއެފްސީ ކަޕްގައި ދިވެހި ޓީމަކުން މިހާތަނަށް ދަތުރުނުކުރާ ހިސާބަކަށް ދިޔުމަށް މަސައްކަތް ކުރާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ނިޒާމްބެ މާޒިޔާގެ އެއްބަސްވުމުގައި ސޮއިކުރިއިރު، މާޒިޔާގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސީ އަންނަ ސީޒަނުގެ ނިޔަލަށެވެ. މާޒިޔާގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސީ އެޓީމުގެ މެސެޑޯނިއާގެ ކޯޗު މަރްޖާން ސެލުކޮސްލީގެ އެއްބަސްވުން ހަމަވުމުން އޭނާ ދޫކޮށްލުމާ ގުޅިގެންނެވެ.

މިފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ފަހަނައަޅައި ގްރޫޕް ސްޓޭޖުން މާޒިޔާ ޖާގަ ހޯދާފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގައި އެގައުމުގެ ޗެންނާއި ސިޓީ އެފްސީއާ މާޒިޔާ ވަނީ 2-2 ން އެއްވަރުކޮށްފައެވެ. މާޒިޔާއަށް މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަން ކުރެވިއްޖެނަމަ ވެގެންދާނީ ނިއުރޭޑިއަންޓް ފިޔަވައި ރާއްޖޭގެ އެހެން ޓީމަކުން ގްރޫޕް ސްޓޭޖު ފަހަނަ އަޅައި އަނެއް ބުރަށްދާ ފުރަތަމަ ފަހަރަށެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ރާއްޖޭގައި ވަނީ ކުޅޭ ގޮތަށް ނިންމާފައެވެ.

މާޒިޔާއާ ހަވާލުވުމަށްފަހު ނިޒާމްބެ ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ މީގެ ކުރިން ހޯދި ނަތީޖާތަކަށް ވުރެން ރަނގަޅު ނަތީޖާތަކެއް އޭއެފްސީގައި ދިވެހި ޓީމަކަށް ހޯދައިދުނުން ކަމަށެވެ. އަދި އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުޅުން އެޓީމަށް ލިބޭނެ ބޮޑު ފައިދާއެއް ކަމަށާއި، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބުންޏެވެ.

މާޒިޔާގެ ކޯޗުކަމުގެ މަގާމާއި ނިޒާމްބެ ހަވާލުވިއިރު، މާޒިޔާގެ މިހާރުގެ ސްކޮޑުގައި ނިޒާމްބެ އާއެކު ޓީސީ ސްޕޯޓްސް ކްލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅުންތެރިން ހިމެނެއެވެ.

ނިޒާމްބެ އެންމެ ފަހުން ކޯޗުކޮށްދިނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ސައިފް ސްޕޯޓިން އަށެވެ. ނިޒާމްބެ އަކީ ސަރަހައްދުގެ ވަރުގަދަ ލީގެއްގައި ކޯޗުކޮށްދިން ފުރަތަމަ ދިވެހި ކޯޗެވެ. ޓީސީއަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ 2018 ވަނަ އަހަރުގެ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައެވެ.

ނިޒާމްބެ މާޒިޔާއާ ހަވާލުވިއިރު، އޭނާއަކީ މާޒިޔާ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމަށް ކޯޗުކޮށްދޭނެ ތިންވަނަ ދިވެހި ކޯޗެވެ. ނިޒާމްބެގެ ކުރިން މާޒިޔާއަށް އިރުޝާދުދިން ދެ ދިވެހި ކޯޗުންނަކީ އިސްމާއިލް މަހްފޫޒް (އިންމަ) އާއި އަލީ ސުޒޭނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް