ކ. މާލެ
|
22 ޖުލައި 2020 | ބުދަ 13:47
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ނިލަންދު އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ނިލަންދު އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކުގެ ޓީމުތައް ނުފެންނާނެ
2019-2020 ގެ އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައެއް ނުވޭ
"އެ ދެ ޓީމަށް 2020-2021 ގެ ޕްރިމިއާ ލީގުން ފުރުސަތު ދިނުމަކީ އިންސާފާއި ހަމަހަމަކަން ގެއްލޭނެ ކަމެއް"

އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކުގެ ޓީމުތައް ނުފެންނާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އާންމު ގޮތެއްގައި ދިވެހި ޕްރިމިއާ ލީގުގައި 10 ޓީމު ވާދަކުރާއިރު، އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ޕްރިމިއާ ލީގުން އަންނަނީ ޖާގަ ދެމުންނެވެ. އެގޮތުން މި ދިޔަ ސީޒަނުގައި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫ ވަނީ ޕްރިމިއާ ލީގުގައި ވާދަކޮށްފައެވެ. އެ ދެ ޓީމު ޕްރިމިއާ ލީގަށް ކޮލިފައިވީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެންނެވެ.

އެކަމަކު ބުދަ ދުވަހު އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ ޕްރިމިއާ ލީގުން އަބަދުވެސް ފުރުސަތު ލިބިގެންދަނީ އަތޮޅު މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ކަމަށާއި، އެކަމަކު ކޮވިޑް-19 އާ ގުޅިގެން 2019-2020 ގެ އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައި ނުވާ ކަމަށެވެ.

އެހެންކަމުން 2019-2020 ގައި ކުޅުނު ދެ ޓީމަށް 2020-2021 ގެ ޕްރިމިއާ ލީގުން ފުރުސަތު ދިނުމަކީ އިންސާފާއި ހަމަހަމަކަން ގެއްލޭނެ ކަމަކަށްވާތީވެ، ޕްރިމިއާ ލީގުން އަތޮޅު ތެރެއަށް ދެވިފައިވާ ޖާގަ މިވަގުތަށް މަޑުޖައްސާލެވިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ޖަޒީރާ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2021 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވިއްޖެނަމަ، އެ މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް 2021 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމުން މިގޮތަށް ބަޔާނެއް ނެރުނީ "އަތޮޅުތަކުގެ ޓީމުތަކަށް ދިވެހި ލީގުން ފުރުސަތެއް ނުދެވޭނެ: އެފްއޭއެމް" މި ސުރުޚީގައި ސީއެންއެމް ނިއުސްއިން ޝާއިއުކުރި ލިޔުމަކާ ގުޅިގެންނެވެ. ސީއެންއެމް ނިއުސްއިން ޝާއިއުކުރި ޚަބަރާ ގުޅިގެން އެފްއޭއެމްގެ ބަޔާނުގައި ވަނީ އެފަދަ ޚަބަރުތަށް އާންމުނަށް ފޯރުކޮށްދޭއިރު، މައުލޫމާތުތައް ނޯޅޭނެ ގޮތަކަށް ގެނެސްދިނުމަށް އެދެފައެވެ.

އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ނުދެން ނިންމުމާއެކު، އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގައި ވާދަކުރާނީ ޖުމްލަ އަށް ޓީމެވެ. އެއީ ޕްރިމިއާ ލީގުގެ ހަ ޓީމުގެ އިތުރަށް ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ.

އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގައި ވާދަކުރާނެ ކްލަބުތައް:

  1. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  2. ކްލަބު އީގަލްސް
  3. ޓީސީ ސްޕޯޓްސް ކްލަބު
  4. ކްލަބު ގްރީން ސްޓްރީޓްސް
  5. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު
  6. ޔުނައިޓެޑް ވިކްޓަރީ
  7. ކްލަބު ވެލެންސިއާ (ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން)
  8. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ދެވަނަ ޑިވިޝަނުގެ ރަނަރަޕް)

ކޮވިޑް-19 އާ ގުޅިގެން އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުން ލަސްވެފައިވާއިރު، ޑިސެމްބަރު މަހުގެ ތެރޭގައި ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
22 ޖުލައި 2020 | ބުދަ 13:56
ގުއިއްޒު
ކޮން އަތޮޅުތެރޭ ޓިމުތަކެއް ؟ ހުސްވެސް އޮންނާނީ ރާއްޖޭގެ ޓީމުތައް؟ އަދިވެސް އެފްއޭއެމް މިއުޅެނީ 1911 ގައިތަ؟