ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓް/ކެފޭ އަކާއި، ފިޓްނެސް ސެންޓަރެއް (ޖިމެއް) ހިންގުމަށް ޝައުގުވެރިވާ ފަރާތްތަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓް/ކެފޭއެއް ހިންގުމަށް ކޮށްފައިވާ އިއުލާންގައި ވަނީ، މަޖިލީހުގެ އިދާރާގެ 13 ބުރި ޢިމާރާތުގެ ޓެރަސް ފްލޯގައި ރެސްޓޯރަންޓް/ކެފޭއެއް ހިންގުމަށްޓަކައި ކުއްޔަށްހިފަން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.
މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 5 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އަދި އެ ބައްދަލުވުމުގައި ދެވޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 16 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގައެވެ.
މަޖިލީހުގެ އިދާރާގައި ފިޓްނަސް ސެންޓަރެއް ގާއިމުކުރުމަށް ކޮށްފައިވާ އިއުލާންގައި ވަނީ، މަޖިލީހުގެ އިދާރާގެ 13 ބުރި ޢިމާރާތުގެ 12 ވަނަ ފްލޯގައި ފިޓްނެސް ސެންޓަރއެއް ހިންގުމަށްޓަކައި ކުއްޔަށްހިފަން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.
މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 05 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 13:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އަދި އެ ބައްދަލުވުމުގައި ދެވޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 16 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ.
އެ ދެ އިއުލާނާ ގުޅޭ، މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެކަމަށްވެސް އިއުލާނުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ރެސްޓޯރަންޓް/ކެފޭ އަކާއި ފިޓްނަސް ސެންޓަރެއް ހިންގުމަށް ނިންމާފައިވާއިރު، މިކަން ކުރަމުންދަނީ މަޖިލީހުގެ ކްލަބުގެ ބެލުމުގެ ދަށުންނެވެ.
މަޖިލީހުގައި ރެސްޓޯރަންޓް/ކެފޭ ހިންގަން ފެށުމުން، މަޖިލީހުގެ އިދާރާއިން ކުރިން ދެމުންދިޔަ ފަރިއްކޮޅާއި ސައިގެ، ހިދްމަތް ނުދޭން މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފައެވެ. ނަމަވެސް ކޮފީއާއި ސައި، އަދި ބިސްކޯދުފަދަ ތަކެތި ލިބެން ހުރެއެވެ.