ކޮވިޑް-19ގެ ހިތާމައާއިއެކު ކޮވިޑް-19ގެ ސަބަބުން އުފާވެރި ކަންތައްތަކެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ލ. ގަމާއި ގއ. ވލިނގިލީގައި ކޮވިޑް ފެސިލިޓީ ހުޅުވުމަށް އަންގާރަ ދުވަހުގެރޭ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ކޮވިޑް-19 އާއިއެކު ރާއްޖޭގައި ސިއްޚީ ނިޒާމް ވަރުގަދަކުރުމަށް މި ސަރުކާރުން ވިސްނާފައިހުރި ކަންކަން އަވަސް ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ފަސް ސަރަހައްދެއްގައި ސިއްޚީ ނިޒާމް ވަރުގަދަކޮށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށް ކުރެވުނު މަސައްކަތް އަވަސްވެގެން ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިސަރުކާރު ފެށުނުއިރު ސިއްޚީ ނިޒާމު ވަނީ ވަރަށް ބޮޑަށް ބޮއްސުންލައިގެން ގޮސްފައިކަމަށާއި ޚާއްސަކޮށް އަތޮޅުތެރޭގެ ރައްޔިތުން މާލެއަށް ބަރޯސާވާގޮތަށް ކަންކަން ބައްޓަން ކުރެވިފައިވާ ކަމަށެވެ.
މިހާރު އަތޮޅުތެރޭގައި ހުޅުވިގެންދާ ފެސިލިޓީތަކަކީ ހަމައެކަނި ކޮވިޑްގެ ބައްޔަށް ޝިފާދިނުމަށްޓަކައި ހެދިފައިވާ ފެސިލިޓީތަކެއް ނޫން ކަމަށާއި ކޮވިޑް އެކަމުގެ ސަބަބަކަށް މެދުވެރިވިކަމުގައިވީނަމަވެސް މިޚިދުމަތް ދާއިމީކޮށް އަތޮޅުތަކުގައި ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ރަށުގައި ތިބެގެން ބޭސްފަރުވާ ޚިދުމަތް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސއްޚީ ނިޒާމް ވަރުގަދަކޮށް ރައްޔިތުންނަށް ފަސޭހަކަމާއިއެކު މި ޚިދުމަތްތައް ލިބިގަތުމާއި އެތައް ޚަރަދެއްކޮށް އެތައް ވޭނަކާއި އެކު މާލެއަށް އެތައް ފަރުވާއަކަށް ނައިސް ވާނެ ގޮތް މެދުވެރިވެގެން މިދިޔައީ.އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް
ކޮވިޑް-19 ގެ ޓާސްކްފޯސްގައި މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ސަބަބުން ފެނިގެންދިޔައީ ސިޔާސީ ތަފާތު ފިކުރުތަކުގެ ބޭފުޅުންނާއި ހުރިހާ އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރިމަންޒަރުތައް ކަމަށެވެ.