ކޮވިޑް-19ށް ވެކްސިން ހޯދިއްޖެނަމަ, އެ ވެކްސިން ވީހާވެސް އަވަހަކަށް ރާއްޖެއަށް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ސަރުކާރުން ލ. ގަން އަދި ގއ. ވިލިގިލީގައި ގާއިމްކުރި ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ އިފްތިތާހުކުރުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ހެލްތް މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ''ކޯލް ފޯ އެކްޝަން'' ގައި އެންމެ ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. މާޗް މަހު ޑަބްލިއުއެޗްއޯ އިން ކުރިޔަށް ގެންދިޔަ އެ ހަރަކާތުގައި ބައިވެރިވީ، ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމަކަށް ވެކްސިންއެއް ހޯދުމުގެ މުހިއްމުކަން ވަޒަން ކުރެވޭތީ ކަމަށް އަމީން ވިދާޅުވިއެވެ.
ކޮވިޑް ބައްޔަށް ވެކްސިން އެއް ހޯދަ ހިނދެއްގައި ރާއްޖެ އަށް އަވަހަށް ވެކްސިން ލިބޭނެ މަގުފަހިކުރުމަށްޓައި ކުރަން ޖެހޭ މަސައްކަތް ސަރުކާރުން ފަށައިގެން މިހާރު ކުރިޔަށް އެބަދޭ.އަބްދުﷲ އަމީން - ހެލްތް މިނިސްޓަރު
އަމީން ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސިއްހީ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަޝްވަރާތަކާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ކޮވިޑުގެ ބަލި މަޑުކަމަށް ނިމުމެއް ގެންނަން 100ށް ވުރެ ގިނަ ވެކްސިން އުފައްދާ ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް ބަލާއިރު ވެކްސިންގެ ރޭހުގައި އެންމެ ކުރީގައި އުޅެނީ އޮކްސްފޯޑް ޔުނިވާސިޓީއެވެ. ވެކްސިން އިންސާނުންގެ ހަށިގަނޑުގައި މަސައްކަތްކުރާ މިންވަރު ދެނެގަތުމަށް ހަދާފައިވާ "ހިއުމަން ޓްރަޔަލް" އިން ކާމިޔާބު ނަތީޖާތަކެއް ނުކުމެފައިވާ ކަމަށް އޮކްސްފޯޑުން ވަނި ބުނެފައެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި 1077 މީހުން ބައިވެރިކޮށްފައިވާއިރު، ވެކްސިން ހަށިގަނޑަށް ޖެހުމުން ހަށިގަނޑުގެ އެތެރޭގައި "އެންޓިބޮޑީސް"އާއި، ވައިރަސްއާ ހަނގުރާމަކުރާ "ވައިޓް ބްލަޓް ސެލްސް" އުފައްދާކަމަށް ހޯދިފައިވާކަމަށް ސައިންސްވެރިންނާ ހަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.