ކޮވިޑް-19 އާގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލުއައިސްފައިވާ ފަރާތްތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރިކުރުވަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މިއީ 261 މީހަކު ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. މިޕެޓިޝަން ދިރާސާކުރުމަށްފަހު ކޮމިޓީން ވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅުންތަކެއް ހުށަހަޅާފަ އެވެ. އެއީ ރިސޯޓް ހިންގުމުގެ ދާއިރާގެ ވަޒީފާތަކުގައި ދިވެހި މުވައްޒަފުންނަށް އިސްކަންދިނުމާއި ރިސޯޓް ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މީގެއިތުރުން ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓުވެސް އެޖެންޑާކޮށްފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ދެ މެމްބަރަކު މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތަޅުމަށް ނަން ފޮނުވުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ނިންމާފަ އެވެ. އެއީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އާއި ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާނެވެ. ތަޅުމަށް ރިޕޯޓް ފޮނުވި ފަހުން މޫސާ އަލީ ކަލޭފާނު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން މެންބަރަކު ކަނޑައެޅުމުގެ މައްސަލަ ޖުޑީޝިއަރީ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓުވެސް ވަނީ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ޖުޑީޝިއަރީ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓުވެސް ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ރައީސްގެ މޭޒުން ހުށަހަޅާކަންކަމުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާ ގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށްވެސް ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.