ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ވޯޑް އިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ މި އިމާރާތުގެ ފުރަތަމް ޝީޓު އެޅުމުގެ މަސައްކަތް އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެ ކަމަށެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 30 އެނދުގެ ވާޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ މަރާމާތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީން ބުނީ އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 1 ޖޫން 2020 ގައި ކަމަށާއި، މި މަޝްރޫއުއާއެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.