ރ. މަޑުއްވަރީއަށް ބިދޭސީން ގެނައުމާއި ބިދޭސީން ގެންގުޅުމުގައި އަމަލުކުރަންވީ އުސޫލު އާންމު ކޮށްފިއެވެ.
މަޑުއްވަރީ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކުރާ ލިޔެކިޔުންތައް ފުރިހަމަ ނޫން ބިދޭސީންގެ މައްސަލަ ބޮޑުވެ މިކަމަކީ ގައުމަށާއި ރައްޔިތުންނަށް ނުރައްކަލަކަށްވެ އަދި ނުގަވާއިދުން ރާއްޖެ އައިސްތިބި ބިދޭސީންނަށް ވެސް ގެއްލުންތަކެއް ލިބިދާނެކަމެއް ކަމަށް ފެންނާތީ އަދުގެ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ ސިޔާސަތުތަކާއި އެއްގޮތަށް މަޑުއްވަރީއަށް ބިދޭސީން ގެނައުމާއި ގެންގުޅުމުގައި ވެސް އަމަލުކުރާންވީ އުސޫލެއް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ މިއުސޫލަށް އަމަލުކުރަން ފެށުމަށް ނިންމާފައިވަނީ 2020 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މިނިންމުންތައް ނިންމާފައިވަނީ 2020 ޖުލައި 15 ވަނަ ދުވަހު ބޭއްވި މިކައުންސިލްގެ 3 ވަނަ ދަޢުރުގެ 2020 އަހަރުގެ 28 ވަނަ ޖަލްސާއިންނެވެ.
ބިދޭސީން ގެންގުޅުމުގައި އަމަލުކުރަންވީ އުސޫލުގައި ބުނެފައިވަނީ މިއުސޫލަށް އަމަލުކުރަން ފެށުމަށްފަހު، މަޑުއްވަރިއަށް ގެންނަންވާނީ، (ވަޒީފާއާއި ބެހޭ ޤާނޫނު) އާއި ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު އަދި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަތަކާއި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށްފައިވާ ބިދޭސީން ކަމަށެވެ.
އުސޫލުގައި ބުނީ ބިދޭސީ މަސައްކަތުމީހާ އާއި ޒިންމާވާނެ ފަރާތަކީ އަމިއްލަ ފަރާތެއްނަމަ އެމީހަކީ ރ.މަޑުއްވަރިއަށް ނިސްބަތްވާ ދިވެހި ރައްޔިތަކަށް ވާންޖެހޭ ކަމަށާއި، ކުންފުންޏަކުން ޒިންމާ އުފުލާނަމަ، އެއީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ކުންފުންޏަކަށް ވާންވާން ޖެހޭ ކަމަށެވެ. އަދި ކުންފުނީގެ ފަރާތުން ޒިންމާއުފުލާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މިއުޞޫލުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ރަށަށް ބިދޭސީ މަސައްކަތު މީހަކު ގެންނަތާ ގިނަވެގެން މަސައްކަތު 3 ދުވަސް ތެރޭގައި، ބިދޭސީ މަސައްކަތު މީހާ ރަށަށް އައި ތާރީޚު ކައުންސިލަށް އަންގަންޖެހެއެވެ.
ކައުންސިލުން ބުނީ މިއުސޫލަށް އަމަލުކުރަން ފަށާއިރު ގަވާއިދާއި ޚިލާފަށް ރަށުގައި ދިރިއުޅޭ ބިދޭސީންނާއި ހަވާލުވާނެ އެއްވެސް ފަރާތެއް ނެތް ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓާއި ގުޅިގެން ކުރާނެ ކަމަށެވެ. އަދި އިހުމާލުވެ އުސޫލާ ހިލާފުވާ ފަރާތްތަކާމެދު އުސޫލުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެއެވެ.