ސްޕެއިންގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށިތާ ތިން ހަފްތާ ފަހުން ކޭސްތައް ފެންނަ މިންވަރު ތިން ގުނަ އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކޭސްތައް ގިނައިން ފެންނަން ފަށާފައިވަނީ ކެޓަލޯނިއާ އާއި އެރަގޮން ސަރަހައްދުންނެވެ. އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް ސްޕެއިންގައި އެތައް ހާސް މީހަކަށް ކޮވިޑް-19 ޖެހި އެތައް ސަތޭކަ ބަޔަކު މަރުވަމުން ވަނީ ގޮސްފައެވެ. ނަމަވެސް އެ އަދަދުތައް ސްޕެއިން އިން ވަނީ މަދުކޮށްފައެވެ.
އެހެންނަމަވެސް ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުން ގެންދިޔުމާއެކު މިހާތަނަށް އައިއިރު އައު 201 ކްލަސްޓަރ އެއް ފެނިފައިވާ ކަމަށާއި ގިނައިން މި ކޭސްތައް ފެނިފައިވަނީ ބާރސެލޯނާގެ ކެޓަލަން ސިޓީން ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. ޖޫން މަހުގެ ފަހުކޮޅު ކޮންމެ އެއްލައްކަ މީހެއްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 8 މީހުންނެވެ. ޖޫން މަހުގެ ފަހުކޮޅު އެ ގައުމުގައި އިއުލާންކޮށްފައިވާ ސްޓޭޓް އޮފް އެމަރޖެންސީ ނިމުމަކަށް ގެނެސްފައިވާއިރު މިހާރު ކޮންމެ އެއް ލައްކަ މީހުންގެ ތެރެއިން 27 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ ކަމަށް އެ ގައުމުގެ ޑެޕިއުޓީ ހެލްތު އެމަރޖެންސީ ޗީފް މާރިއާ ސިއެއްރާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
މިދިޔަ ހަފްތާ ބަންދުތެރޭ އަލަށް 4581 މީހުންނަށް ވައިރަސް ޖެހިފައިވާއިރު މިހާރު ސްޕެއިންގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 264،836ށް އަރާފައެވެ. އަދި 28،000ށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.
ސްޕެއިންގެ ހެލްތު މިނިސްޓަރ ސަލްވަޑޯރ އިލާ ވިދާޅުވީ ކްލަސްޓަރ ތައް ފެންނަން ފަށާފައިވަނީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިން ސަރަހައްދުންތަކުން ކަމަށެވެ.
"މިދައްކަނީ އާއިލީ ބޮޑެތި އެއްވުންތަކާއި ރޭގަނޑު މުނިފޫހިފިލުވުމަށް ގިނަ މީހުން އެއްވެގެން މިކުރާ ކަންތައްތަކުގެ ތެރެއިން އައު ކްލަސްޓަރ ތައް ފެންނަ ވާހަކަ." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
ކެޓަލޯނިއާގެ ހާލަތަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ސަލްވަޑޯރ ވަނީ އެސަރަހައްދުގައި ދިރިއުޅޭ މީހުން ސިއްހީ އޮފިޝަލުން ދެމުންދާ އިރުޝާދުތަކަށް ތަބާވުމަށް އެދިވަޑައިގެންފައެވެ.
ހުކުރު ދުވަހު ކެޓަލޯނިއާ ސަރަހައްދުގެ ރީޖަނަލް ސަރުކާރުން ވަނީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ ހަތަރު މިލިއަން މީހުން ގިނަ މީހުން އެއްވާ އެއްވުންތައް މަދުކޮށް ގޭގައި ތިބުމަށް އަންގާފައެވެ. 10 މީހުންނަށް ވުރެ ގިނައިން އެއް ނުވުމަށާއި ބަރތަކާއި ރެސްޓޯރެންޓްތަކުގައި މީހުން މަދުން ތިބުމަށް ވަނީ އަންގާފައެވެ.
ސްޕެއިންގައި އަނެއްކާވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށް ދާން ފަށާފައި ވާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން މާސްކު އެޅުން ވަނީ ބައެއް ސަރަހައްދުތަކުގައި މަޖުބޫރުކޮށްފައެވެ. އަދި އިޖުތިމާއީ ގައިދުރުކަން ގެންގުޅުމަށް ވެސް ވަނީ އަންގާފައެވެ.