ކ. މާލެ
|
21 ޖުލައި 2020 | އަންގާރަ 13:41
މަސް ބޭނުމުގެ މަސައްކަތް ކުރިޔަށް ދަނީ
މަސް ބޭނުމުގެ މަސައްކަތް ކުރިޔަށް ދަނީ
ރާއްޖެ އެމްވީ
މަސްވެރިންނަށް ފައިސާ ދޫކުރުން
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް މިފްކޯއިން ފަށައިފި
 
މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިއްމު ވައުދެއް
 
މިފްކޯއިން ދަނީ ފައިސާ އަވަހަށް ދޫކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން
 
ނުދެވި ހުރި ފައިސާ ޖުލައި 21 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ދޫކުރަމުން ގެންދާނެ

ޖުލައި މަހުގެ ފުރަތަމަ ދެ ހަފްތާ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް މިފްކޯއިން ފަށައިފިއެވެ.

މިކަން ހާމަކޮށް މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ވަގުތު މުޅި ދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ފިނިކުރި މަހުގެ އަގު ހުރިގޮތުން ވިޔަފާރީގައި ދަތިތަކެއް ހުރުމާއެކު، މި ހިނގާ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް، މަސްވެރިންނަށް ދޫނުކުރެވި ހުރި ބިލްތަކުގެ ފައިސާ، ޖުލައި 21 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ދޫކުރަމުން ގެންދާނެ ކަމަށެވެ.

އަދި، މަސްވެރިން މިފްކޯއަށް ކިރާ މަހުގެ ފައިސާ، ލަސްނުކޮށް މަސްވެރިންނަށް ފޯރުކޮށް ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި 13 ޖުލައި 2020 ފެށިގެން ފައިސާ ދޫނުކޮށް ހުރި ބިލްތަކުގެ ފައިސާ އަވަސް ފުރުސަތެއްގައި ދޫކުރުމަށް މަސައްކަތް ކުރަމުން ގެންދާނެކަމަށެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިއްމު ވައުދެކެވެ. އަދި އެ މަސައްކަތް ކުރުމުގެ ގޮތުން މަހުގެ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އޭގެ އިތުރުން މަސްވެރިކަމުގެ ގާނޫނު އިސްލާހުކޮށް، ޒަމާނާ އެއްހަމަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ހުށައަޅާފައިވާ ޕެޓިޝަނާ ގުޅިގެން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މިފްކޯގެ ބޭފުޅުން ހާޒިރުކުރި ދުވަހު ފައިސާ ދިނުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަައުލޫމާތު ދެއްވިއެވެ. އެގޮތުން، ކުންފުނީގެ މާލި ހާލަތު ހުރި ގޮތުން ދަތިތަކެއް ހުރި ކަމަށް ވިދާޅުވެ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ މިހެން ދިމާވާން މެދުވެރިވާ ސަބަބުތައް ސާފުކޮށް ދެއްވާފައެވެ.

އޭގެ ތެރޭގައި ކުންފުންޏަށް ދަރަނި ނެގުމުގައި ހުރި ދަތިތަކާއި، ކުންފުނީގެ ވަސީލަތްތައް މަދުވުމުގެ އިތުރުން، މަސްވެރިން ބާނާ މަސް ރައްކާކުރުމުގައި ހުރި ދަތިތައް ވަނީ ފާހަގަކޮށްފައެވެ. މިފްކޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަން ފާހަގަކޮށް މިފްކޯއިން ބުނެފައިވަނީ، އެ މަސައްކަތް ނިމުމުން ކުންފުންޏަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް
21 ޖުލައި 2020 | އަންގާރަ 14:18
ނަމެއް ނުކިޔޭ
ގުއިތަފާލުގޭ ދަނޑިން ތެޅީރުން ބުނާނޫތާ ތަޅެފިޔޭ މަސްވެރިންގެ ހައްޤުތަކަށް ކޮޅުފައިން އަރޭފޭ ޗަބުނަނީ އިޤްތިޞޯދޭ މީގެ ކުރިން ލާރި ނުދިނީ ދެން ކިހިނެއްވެޔޯ؟ އިޤތިޞާދު ދައްވާނެކަން އޭރު އެނގޭތީތަ؟