ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއަރުވާ ފުޅާކުރުމަށް، ރަށްރަށުގެ ބިމު ކުއްޔަށް ގެންނެވުނު ހެޔޮ ބަދަލަށް މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން މަރުހަބާ ކިޔައިފިއެވެ.
އެމްއައިޓީޑީސީން އަންގާރަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލެއާ ދުރުގައިވާ މީހުން ދިރިއުޅޭ ރަށްރަށުގައި، ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދުކުރާ ބިންތަކުން ނަގާ ބިމު ކުލި، އެ ސަރަހައްދަކަށް އެކަށީގެންވާ މިންވަރަށް ކުޑަކުރެއްވުމަށް ސަރުކާރުން ނިންމަވާ، އެކަން އިއުލާން ކުރެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ފަތުރުވެރިކަމުގެ ވުޒާރާ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، އިގްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލްއަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާއި، އެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ބައެއް ގަވާއިދުތަކުގެ ސަބަބުން، ސަރުކާރުން ދޫކުރާ ބިންތަކުގައި ލޯކަލް ޓޫރިޒަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވަ ކަމަށް ވެސް އެމްއައިޓީޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެއިތުރުން، އެބަޔާނުގައި ބުނެފައި ވަނީ، 2010 ވަނަ އަހަރު ލޯކަލް ޓޫރިޒަމް ތައާރަފްވެ، މިވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޖުމްލަ އެނދުގެ 20 ޕަސެންޓް ހިއްސާކުރަމުން ގެންދަނީ ލޯކަލް ޓޫރިޒަމް ނުވަތަ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކުގައި ކަމަށެވެ.
ނަމަވެސް ގެސްޓްހައުސްތަކަކީ އާއްމު ރައްޔިތުންގެ ގޯތިގެދޮރުގައި އިމާރާތްކޮށް ހިންގަމުން ގެންދާ ގެސްޓްހައުސްތަކެއްކަމަށް ވެފައި، އެކި ރަށްރަށުގައި ޓޫރިޒަމް ޒޯނުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ކާމިޔާބުކަމާއެކު ފަތުރުވެރިކަމުގެ ވިޔަފާރިކުރިއަށް ގޮސްފައިނުވަނީ، އެފަދަ ބިންތަކުން ސަރުކާރަށް ނަގާ ބިމު ކުއްޔާއި އަދި ލީސް އެކުއިޒިޝަން ކޮސްޓް ފަދަ ބޮޑެތި އެތަށް ފީ ތަކެއްގެ ސަބަބުން، ފިޔަފަރި ފީސިބަލްނުވެ، މިފަދަ އެތައް މަޝްރޫއުއެއް މަޑުޖެހި ނުވަތަ މުޅިން ހުއްޓިފައިވުމުގެ ސަބަބުންކަން އެއީ ފެންނާން އޮތް ހަގީގަތްކަމަށް ވެސް އެމްއައިޓީޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރިސޯޓުތަކާއި، ލޯކަލް ޓޫރިޒަމް ހިންގާ ބައެއް ރަށްރަށުގެ ބިމު ކުލި ކުޑަކުރަން ހުށައެޅުމަށް ނިންމާފައިވާކަން ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.