ކ. މާލެ
|
21 ޖުލައި 2020 | އަންގާރަ 12:49
ޔުވެންޓަސް އާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 2-1 ން
ޔުވެންޓަސް އާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ރޮނާލްޑޯއަށް ރިކޯޑެއް، ޔުވެންޓަސް ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް
ލާޒިއޯ އަތުން ޔުވެންޓަސް މޮޅުވީ 2-1 ން
ރޮނާލްޑޯ ވަނީ އިޓާލިއަން ލީގާއި ސްޕެނިޝް ލީގުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި 50 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައި

ކްރިސްޓިއާނޯ ރޮނާލްޑޯ ރިކޯޑު ހެދި މެޗުން މޮޅުވެ އިޓާލިއަން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޔުވެންޓަސް ޖެހިލައިފިއެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ލާޒިއޯ އަތުން 2-1 ންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ލާޒިއޯއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކެޕްޓަން ޗިރޯ އިމޮބިލޭއެވެ.

މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ އިޓާލިއަން ލީގާއި ސްޕެނިޝް ލީގުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި 50 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑަށް 196 މެޗުން 84 ލަނޑު ރޮނާލްޑޯ ޖަހައިދިންއިރު، ސްޕެނިޝް ލީގުގައި އޭނާ ވަނީ ރެއާލް މެޑްރިޑަށް 292 މެޗުން 311 ލަނޑު ޖަހާފައެވެ. އަދި އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު 61 މެޗުން ރޮނާލްޑޯ ވަނީ 52 ލަނޑު ހަމަކޮށްފައެވެ.

ލާޒިއޯ އަތުން ހޯދި މޮޅާއެކު ޔުވެންޓަސް އެއްވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެޓީމަށް 34 މެޗުން 80 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް އިންޓަ މިލާނަށް 34 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އެޓަލާންޓާއަށް 34 މެޗުން 71 ޕޮއިންޓު ލިބިފައިވާއިރު، ލާޒިއޯ ހަތަރުވަނައިގައި އޮތީ 34 މެޗުން 69 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް