މަަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަލުން ފަރުމާކޮށް ޢަމަލީ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށާއި، މި މައްސަލައިގައި އިހުމާލުވި ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ގޮވާލާ ހުށައެޅި ރިޕޯޓު ފާސްކޮށްފިއެވެ.
ކޯޒްވޭގެ މައްސަލަ ދިރާސާކޮށް، މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކޮށްފައިވަނީ 61 މެމްބަރުންގެ ވޯޓުންނެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަށް ބަލާލާއިރު މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހުއްދަދީފައިވަނީ އީއައިއޭ ކޮންސަލްޓަންޓް ރެކޮމެންޑް ކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ޝަރުތުކޮށްފައިކަމުގައި ވީނަމަވެސް، މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އީ.ޕީ.އޭގެ ރެކޮމެންޑެޝަންއާ އެއްގޮތަށް ނޫން ކަމަށް ވެއެވެ.
މި މަޝްރޫއުއަށް ހަދާފައިވާ އީއައިއޭއަކީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހުއްދަ ހޯދަންޖެހޭތީ، އެ ބޭނުން ހާސިލް ކުރުމަށް 'ނަމަކަށް' ހަދާފައިވާ އީއައިއޭ އެއްކަން ވެސް ވަނީ ހާމަވެފައެވެ. މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އީއައިއޭ ރިޕޯޓުގައި ދީފައިވާ އިރުޝާދަކަށް އެއްގޮތަކަށް ވެސް ބެލުމެއް ނެތި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ވެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ދިވެހި ދައުލަތުގެ ބަޖެޓަށާއި، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ހައުސިންގް މިނިސްޓްރީއިން މި މަޝްރޫޢު ކުރިއަށްގެން ދިއުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ވެސް ވަނީ ހާމަވެފައެވެ.
ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ޝަރީޢަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިޚްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވާއިރު، މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި އިހުމާލުވެފައިވާ ފަރާތްތަކުން ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ މަސައްކަތް އެންވަޔަރަންމަންޓަލް ޕްރޮޓެކްޓަޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިއަށް ގެންދަން ޖެހޭކަން ކޮމިޓީއަށް ފެންނަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ އެންވަޔަރަންމަންޓް އެންޑް ކްލައިމްޓް ޗޭންޖް ކޮމިޓީން ދިރާސާކޮށްފައިވަނީ ކޯޒްވޭގެ ސަބަބުން ތިމާވެށީގެ ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން ދާތީއެވެ.
2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށި މި މަޝްރޫއުއަކީ 28,702,458.46ރ. އަށް ކޮންޓްރެކްޓު ކުރެވުނު މަޝްރޫއުއެކެވެ. 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު މި މަޝްރޫއު ނިންމިއިރު ކޮންޓްރެކްޓުގެ އަގަކީ 31,442,592.38ރ. އެވެ.