ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ) އިން އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ވަކި ކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އޭނާ ވަކި ކުރުމަށް ރައީސަށް ލަފާއެރުވުމަށް ފެންނަކަމަށް ވޯޓުދެއްވީ މަޖިލީހުގެ 58 މެމްބަރުންނެވެ. އެންއައިސީގެ ހަތަރު މެމްބަރެއް ވަކިކުރުމުގެ މައްސަލަ މަޖިލީހުން ބަލަން ފެށުމާއި އެކު އެ ކޮމިޝަނުން ތިން މެމްބަރަކު ވަނީ އިސްތިއުފާދެއްވާފައެވެ. އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަންގެ ނައިބް ރައީސް ހައްސާން ހަމީދު، މެމްބަރު ހަދީޖާ އަބްދުﷲ ގެ އިތުރުން ކޮމިޝަންގެ މެމްބަރު އަހުމަދު އަމީންއެވެ.
މި މައްސަލަ ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓުގައިވަނީ 4 އޮކްޓޯބަރ 2019 ވަނަ ދުވަހު އެންއައިސީއާއިއެކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި، ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުالله ގެއްލިފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރުމުގައި އެ ސަރވިސްގެ އިހުމާލެއް ނެތްކަމަށް ކަނޑައަޅާ، އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފުލުހުންގެ އިހުމާލެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ބަލަންޖެހޭ މިންވަރަށް ނުބަލާ ކަމަށް އެ ކޮމިޓީއަށް ފާހަގަވެފައިވާކަމަށެވެ.
މީގެ އިތުރުން މ. އުޖާލާގެއަށް ފުލުހުން ވަދެ އެގޭގައި ހުރި ޢާންމު ރައްޔިތަކަށް ފުލުހުން އަނިޔާކުރި މައްސަލައިގައި ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ބުނުމުން އެކަމާ ދެކޮޅަށް އިޙްތިޖާޖުކުރި ފުލުހުންގެ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅުމާއެކު، 11 ޖުލައި 2019 ގައި އެ މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްދިނުމަށް ކޮމިޝަންގައި އެދިފައިވާއިރު ހަމަ އެދުވަހުން ފެށިގެން އެ މައްސަލަ ތަޙްޤީޤުކުރަން ފަށާފައިވާކަމަށް އެ ކޮމިޓީއަށް ލިޔުމުން މަޢުލޫމާތު ދީފައިވާކަމަށް ރިފޯޓުގައިވެއެވެ.
އެހެންނަމަވެސް، އޭގެފަހުން 8 މަސް ފާއިތުވެގެން ދިޔައިރުވެސް އެ މައްސަލައިގެ ތަޙްޤީޤު ނިންމާފައި ނުވާކަން ފާހަގަކުރެވިފަވާކަމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.
އެންއީސީގެ އިސްތިއުފާ ދިން ތިން މެމްބަރުންނާއި، ވަކިކުރަން ލަފާއަރުވާފައިވާ ސުލައިމާނަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކޮށްފައި ތިބި މެންބަރުންނެވެ.