ކ. މާލެ
|
21 ޖުލައި 2020 | އަންގާރަ 00:22
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ފެނާއި ނަރުދަމާ ބިލް
ފެނާއި ނަރުދަމާގެ ބިލް ފާސްކޮށްފި
 
67 މެމްބަރުން ވަނީ ބިލް ފާސްކުރުމަށް ވޯޓު ދެއްވާފައި
 
ބިލް ފާސްކޮށްފައިވަނީ ކޮމިޓީން ގެނައި 14 އިސްލާހަކާއެކު

ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށް ހިންގޭ މަޝްރޫޢުތައް ހިންގުމުގެ ހުއްދަ ދިނުމުގެ ކުރިން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓެއް ހަދައި، އެ ރިޕޯޓް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ފާސްކުރަންޖެހޭގޮތަށް ފެނާއި ނަރުދަމާގެ ބިލް ފާސްކޮށްފި އެވެ.

މިބިލް ފާސްކޮށްފައިވަނީ ބިލަށް ކޮމިޓީން ހުށަހެޅި 14 އިސްލާހާއެކު އެވެ. ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވެވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއީ، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށް ދިނުމަށާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައަޅާ ބިލެކެވެ. މިބިލްގެ ދަށުން ޞިއްހީގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރާނެ އެވެ.

މި ބިލުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށް، އެ ޚިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރުކުރާނެ އެވެ.

މިބިލް ބުނާގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ޤާނޫނު ތަންފީޛުކުރާނީ، އޮތޯރިޓީންނެވެ. މިއޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތަންފީޛުކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭންޖެހެ އެވެ. އަދި ދިވެހިރާއްޖޭގައި ފެން އުފައްދާ ފަރާތްތަކަށާއި ނަރުދަމާގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އެ ތަންތަނާބެހޭ މަޢުލޫމާތު ދަފްތަރުކޮށް، ކަމާބެހޭ މަޢުލޫމާތު ޢާންމުކުރަންޖެހޭނެ އެވެ.

އޮތޯރިޓީއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި އާކުރުމާއި، ބަދަލުގެނައުމާއި، ލައިސަންސް ހިފެހެއްޓުމާއި ބާޠިލުކުރުން ހިމެނެ އެވެ. ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ފަރާތްތައް މޮނިޓަރކުރުމާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން ހިމެނެ އެވެ.

މީގެއިތުރުން މިބިލް ބުނާގޮތުން ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭނެއް، ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާއާއި، ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއް ގޮތް ވާ ގޮތުގެމަތިން މިނިސްޓްރީން އެކުލަވާލަންވާނެއެވެ. އަދި ކޮންމެ 5 އަހަރަކުން އެއްފަހަރު އެ ސްޓްރެޓީޖިކް ޕްލޭން މުރާޖަޢާކުރަމުން ގެންދަންވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި