ރާއްޖެއަށް އިންވެސްޓުކުރާ ބިދޭސީންނަށް އަމާޒުކޮށްގެން، 'ސެކަންޑް ހޯމް' ޕްރޮގްރާމެއް ހިންގުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންގެ ގާނޫނާއި ގުޅިގެން މަޝްވަރާކުރެވުނު މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ފައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އާއްމުން ދިރިނުއުޅޭ ރަށްތަކުގައި މި ޕްރޮގްރާމް ހިންގުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި މިޕްރޮގްރާމް ހިންގުމަށް މަގުފަހިކުރުމަށްޓަކައި 'ރެޒިޑެންސީ ގާނޫނެއް' އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމް ހިންގާ ރަށްރަށުގައި ގާއިމުކުރެވޭ ވިލާތަކާއި އެޕާޓްމެންޓްތަކަށް އިންވެސްޓުކުރުމުން ވިޒާ ދޫކުރެވޭނެ ކަމަށާއި އެހެންނަމަވެސް، އިންވެސްޓު ކުރަންޖެހޭ އަދަދު ކުޑަވާނެ ކަމަށެވެ.
އަޅުގަނޑު ދެކޭގޮތުގައި ތިން ލައްކަ އެއްހާ ޑޮލަރު، އެއީ މިނިމަމް އިންވެސްޓްމެންޓަކަށް ވާންޖެހޭނެ. އެއީ އެކަހަލަތަނަކުން އަޅުގަނޑުމެން އުފައްދާ ވިލާއެއް ނޫނީ އެޕާޓްމެންޓެއްގައި ތިން ލައްކައެއްހާ ޑޮލަރު ގަތީމަ އައިސް ވަދެވޭގޮތަށް އިންވެސްޓްމެންޓެއްގެ ގޮތުގައި ބަލަން. އެހެންމަ އެހިސާބަށް އަދި ނުދާތީ ބަދަލު ނުގެންނަނީ. އެ ގާނޫނު އަޅުގަނޑުމެން ފަރުމާކޮށްފައި ހުށައަޅާއިރު އެބައިތައް އަންނާނެ.އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ސެކަންޑް ހޯމް ޕްރޮގްރާމެއް ފެށުމާއި އެކު ޗައިނާ އާއި ޔޫރަޕުގެ އިންވެސްޓަރުން ރާއްޖެ އަތުވެދާނެ ކަން ފާހަގަކުރައްވާ މެމްބަރަކު ވަނީ ރާއްޖެ އޮތް ލޮކޭޝަންގެ ގޮތުން، އިންޑިއާގެ އިންވެސްޓަރުން އިތުރުވެދާނެ ކަމަށް ބެލެވޭއިރު ރައްޔިތުންގެ ހިތްތަކުގައި ޝައްކުތަކެއް އުފެދޭނެކަމަށެވެ.
މިކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ ވަކި ގައުމެއްގެ ބަޔަކު ރާއްޖެއަށް އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި މަގްސަދަކީ ރާއްޖެ ތަރައްގީކުރުން ކަމަށެވެ. އަދި ސެކަންޑް ހޯމް ޕްރޮގްރާމްއަކީ ގިނަ ގައުމުތަކުގައި ވަރަށް ކާމިޔާބުކޮށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
ހއ. ދައްޕަރުގައި މި ފަދަ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާއިރު އެރަށަކީ އެ އަތޮޅު ފިއްލަދޫގެ އުތުރުން އެރަށާގުޅިފައި އޮތް ރަށެކެވެ. ޓޫރިޒަމް މިނިސްޓްރީން "ބުރަބި" ނަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަތުރުވެރިކަމަށް އަލަށް އިޢުލާންކުރި ރަށްތަކުގެ ތެރޭގައި ދައްޕަރު ވެސް ވަނީ އިޢުލާން ކުރިއެވެ. ރިސޯރޓް ތަރައްޤީ ކުރުމަށް ދައްޕަރުން 60 ހެކްޓަރ ބިން ކަނޑައަޅާފައި ވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ތިލަދުންމަތި އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ބުނެފައެވެ.