ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 16:31
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު: މިހާރު ހުންނެވީ، ކޯޓު އަމުރެއްގެ ދަށުން، ބޭރަށް ނުފުރޭގޮތަށް ޕާސްޕޯޓް ހިފަހައްޓާފަ
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު: މިހާރު ހުންނެވީ، ކޯޓު އަމުރެއްގެ ދަށުން، ބޭރަށް ނުފުރޭގޮތަށް ޕާސްޕޯޓް ހިފަހައްޓާފަ
ޝުއައިބް މުހައްމަދު އިގްބާލް
އަދީބުގެ ދައުވާތުގެ އިސްތިއުނާފް މަރުހަލާ
އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
 
ޕީޖީ ވިދާޅުވަނީ، ދައުވާތައް ބާތިލް ކޮށްފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫން ކަމަށް، ދައުވާތައް ސާބިތުވާވަރުގެ ހަރުދަނާ ހެކި ހުށަހަޅާފައިވާނެ ކަމަށް
 
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އިއުތިރާފުގެ އެއްބަސްވުންތައް ހަދާފައިވަނީ ގާނޫނާ އެއްގޮތަކަށް ނޫން ކަމަށް
 
އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކަމަށް ނިންމީ، މިމަހުގެ 14 ވަނަ ދުވަހު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާޠިލް ކުރުމުން، އެމައްސަލަތައް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ހައިކޯޓުން އެމައްސަލަތައް ބަލައިގެންފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އިސްތިއުނާފު ކުރި އެ މައްސަލަތައް ބަލައިގެންފައިވާ ކަމަށް ހައިކޯޓުން ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމު ވަނީ އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ، ބާތިލް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެއްވެސް ހަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އަދި ޕީޖީ ޝަމީމު ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ނިންމަވާފައިވާ ނިންމުންތަކުގެ މައްޗަށް އަލި އަޅުވާލާފައެވެ. ހާއްސަކޮށް، މައްސަލަ ބާތިލް ކުރި ސަބަބެއް ނުވަތަ ހަވާލާދިން ގާނޫނުގެ މާއްދާއެއް އެނގެން ނެތް ކަމަށް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ، ކުށަށް އިއުތިރާފުވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ޕީޖީއާއެކު ވެފައިވާ އެއްބަސްވުމަކީ ބޭސްފަރުވާއަށް ބޭރަށް ފޮނުވާނެ ކަމަށް ބުނެ، މަޖުބޫރުކޮށްގެން ވެފައިވާ އެއްބަސްވުންތަކެއް ނޫންކަމަށާއި، އަދި އަދީބުގެ އެފަދަ ގޮތަކަށް ވިދާޅުވާ އަޑު އައްސަވާފައިނުވާ ކަމަށެވެ. އެހެން ކަމުން، އެއީ މަޖުބޫރުކޮށްގެން ސޮއިކުރުވި އެއްބަސްވުމެއް ކަމަށް ގާޒީ ނިންމެވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ، ބޭސް ފަރުވާއަށް ވަޑައިގަންވަން ބޭނުންވެގެން، އެކަމުގެ މަޖުބޫރުކަމަށްޓަކައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވިނަމަ، ބޭސްފަރުވާ ކުރުމަށްފަހު، ރާއްޖެ ވަޑައިގެން، އޭގެ މާފަހުން ގިނަ ބަޔާންތައް ދެއްވައި ސޮއި ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ބޭފަރުވާ ނުކުރެވިދާނެ ކަމުގެ ބިރަށް، ކުރިން ހެދި އެއްބަވުމުގައި ސޮއިކުރިނަމަވެސް، ފަހުން ހެދި އެއްބަސްވުންތަކާއި، ބަޔާންތަކުގައި ސޮއި ކުރެއްވުމުގެ އެބުނާ ސިއްހީ ފަރުވާ ނުލިބުމުގެ ބިރުވެރިކަން ވުޖޫދުގައި ނެތް ކަމަށެވެ.

ސިއްހީ ފަރުވާގެ ކަންކަން ހިމަނައިގެން ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅޭ މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވި، ފުރަތަމަ ހެދި އެެއްބަސްވުމުގައި ސިއްހީ ފަރުވާގެ ވާހަކަ ނުހިމެނޭ ކަމަށެވެ. އަދި ދެން ސޮއިކުރި އެއްބަސްވުމުގައި ސިއްހީ ފަރުވާގެ ވާހަކަ ހިމަނާފައި ވަނީ އަދީބުގެ އެދިލެއްވުމުން ކަމަށެވެ. މި އެއްބަސްވުމުގައި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޕީޖީގެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމްއެވެ.

ޕީޖީ ޝަމީމްގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އަދީބާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމުގައި އިޖުރާއީ މައްސަލަތަކެއް އުޅޭ ކަމަށް ފާހަގަކޮށް މައްސަލަ ބާތިލް ކުރުމާއި ގުޅިގެންނެވެ. އެގޮތުން މުޅި މައްސަލަ ބިނާވެފައި އޮތީ، އެ އެއްބަސްވުމުގެ މައްޗަށް އެކަނި ނޫން ކަމަށާއި، އެކަމާއި ގުޅޭ އިތުރު 700 ގަނޑުގެ ލިޔެކިޔުން ކޯޓަށް ހުށައަޅާފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވަނީ އެއްބަސްވުމާ ނުލާ ކުރިއަށް ދާނަމަ، އަދީބުގެ މައްޗަށް 150 އެއްހާ ދައުވާ އުފުލޭވަރުގެ ލިޔެކިޔުން ދައުލަތުގައި އެބަހުރި ކަމަށެވެ. އަދި މި ދައުވާތަކާއި ގުޅިގެން 800 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެެވެ.

ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް އަދީބާއެކު އެއްބަސްވުމަކާ ހަމައަށް ދިޔައީ، އެކަމަށް އެއްބަސްވާނަމަ، ގާނޫނީ ގޮތުން ލިބެދޭ ލުއިތަކެއް އަދީބަށް ލުއިތަކެއް ދިނުމުގެ ގޮތުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ފުލުހުންނާއި ޕީޖީ ބިޝާމާއެކު މީގެ އެއްބަސްވުމެއް އަދީބު ފުރަތަމަ ހެދީ، މިދިއަ އަހަރުގެ ޖޫން 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން 19 ސެޕްޓެމްބަރުގައި ދެވަނަ އެއްބަސްވުމެއް ވެސް ހަދާފައިވެއެވެ. އަދީބުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ހެދި ތިންވަނަ އެއްބަސްވުން ހަދާފައިވަނީ 25 ސެޕްޓެމްބަރު 2019 ގައެވެ. މި މައްސަލައާއެކު ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށައަޅާފައިވަނީ 25 ސެޕްޓެމްބަރު 2019 ހެދި އެއްބަސްވުން އެކަންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް