ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 15:41
ވިލިގިނލި ދާއިރާގެ މެމްބަރ ސައުދު ހުސައިން
ވިލިގިނލި ދާއިރާގެ މެމްބަރ ސައުދު ހުސައިން
ރައްޔިތުންގެ މަޖިލިސް
ފަލަސްތީނު މައްސަލަ
ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުމަށް ގޮވާލާ ހުށަހެޅި ގަރާރު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް
 
ޤަރާރު ހުށަހެޅުއްވީ ވިލިގިނލި ދާއިރާގެ މެމްބަރ ސައުދު ހުސައިން
 
ގަގާރު ބަލައިގަތުމަށް 67 މެމްބަރުން ވޯޓު ދެއްވި

ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމަޢަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ހާމަކުރުމަށް ހުށަހެޅި ގަރާރު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ގަރާރު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާގުން ވަނީ މިގަރާރު ބަލައިގަތުމަށް ވޯޓު ދެއްވާފަ އެވެ. މި ޤަރާރު ހުށަހެޅުއްވީ ވިލިގިނލި ދާއިރާގެ މެމްބަރ ސައުދު ހުސައިން އެވެ. މި ގަރާރު ހުށަހަޅުއްވަމުން ސައުދު ވިދާޅުވީ މިއީ އިޒްރާއީލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ގޮވާލާ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާއި ޚިލާފު އަނިޔާތައް ކުށްވެރިކޮށް އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ގަރާރެއްކަމަށެވެ.

އަދި 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް އެދައުލަތުގެ ވެރި ރަށަކީ އިރުމަތީ ގުދުސް ކަމަށް ރާއްޖެއިން އަބަދު ވެސް ގަބޫލުކުރާ ކަމަށް ސައުދު ވިދާޅުވިއެވެ. އިޒްރޭލުން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ އެ ބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިޒްރާއީލު ސުލްހަވެ ވަކި ދެ ދައުލަތެއް ގާއިމުކުރަން ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއް ކަމަށާއި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ ގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުމެއްނެތި ތަކުރާރުވަމުން ދިޔުމަކީ އިންސާނީ ކަރާމާތާއި އިންސާނީ ޝަރަފް ނަގާލުން ކަމަށް ސައުދު ވިދާޅުވިއެވެ.

އަދި އެއީ ބައިނަލްއަގްވާމީ ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމުން އެ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަކީ އިޒްރާއީލްގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް ގަރާރު ހުށަހަޅުއްވަމުން ސައުދު ވިދާޅުވިއެވެ.

ދިވެހިރާއްޖެ ބައިވެރިވެފައިވާ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ) ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއީލުން ބޯނުލަނބު މައްސަލައިގައި އެގައުމު ޖަވާބުދާރީ ކުރުވަން ބައިނަލްއަގްވާމީ މުޖްތަމަޢުއަށް ގޮވާލުމަކީވެސް މުހިއްމު ކަމެއް ކަމަށް ވީހިނދު، ދިވެހިރައްޔިތުންނަކީ އަބަދުވެސް ފަލަސްޠީންގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލޯބިކުރާ އަދި އަޚްވަންތަ ކަމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއްކުރާ ބަޔަކަށް ވީހިނދު، މިފަދަ ހިތްދަތި ވަގުތެއްގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ތިއްބެވީ ފަލަސްޠީންގެ އަނިޔާ ލިބެމުންދާ ރައްޔިތުންނާއި އެކުގައިކަން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުން ހާމަކުރުމަކީ ފަލަސްޠީނުގެ ބިންތަށް ފޭރިގަތުން ހުއްޓުވުމާއި، ފަލަސްޠީނުގެ މިނިވަންކަމާއި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ހައްޤުތަށް ކަށަވަރު ކޮއްދިނުމަށް މަސައްކަތްކުރަމުންދާ ގައުމު ތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް އިތުރު ކުރިއެރުމަކަށް ވެގެންދާނެ މުޙިއްމުކަމެއް ކަމަށް ވީހިނދު.
ވިލިގިނލި ދާއިރާގެ މެމްބަރ ސައުދު ހުސައިން

އެހެންކަމުން އިޒްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ގޮވާލުމާއި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުން މި މައްސަލައާއި ދޭތެރޭ ދެކޭގޮތް ބައިނަލްއަގްވާމީ މުޖުތަމަޢުއަށް ހާމަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ގަރާރު ހުށަހަޅުއްވާ ކަމަށް ސައުދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް