ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ މެންދުރު 13:00ން ފެށިގެން ހަވީރު 17:00އާ ހަމައަށް އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ހޯމަ ދުވަހުގެ މެންދުރު 12:00ން ފެށިގެން ހަވީރު 16:00ށް މުޅި ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް ލަފާކޮށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. އަދި އަންގާރަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ހުޅަނގާއި ހުޅަނގުއުތުރުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި، ދެކުނުގެ އަތޮޅުތަކަަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްތަކުން ގަސް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އަދި މި ދުވަސްވަރު ކަނޑުމަތީގައި ހިނގާ ހާދިސާތައް އިތުރުވަމުން ދިއުމާއި ގުޅިގެން، ކަނޑުދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.