ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 10:58
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
ކޮވިޑް-19: މެމްބަރު އީސަ ހޯމް ކަރަންޓީނުގައި
ޕްރައިމަރީ ކޮންޓެކްޓަކަށްވެ މެމްބަރު އީސަ ހޯމް ކަރަންޓީނަށް
 
ހުރިހާ މެމްބަރުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަޖިލީހުގެ ރައީސް ވަނީ އިލްތިމާސް ކުރައްވާފައި
 
މިހާތަނަށް މަޖިލީހުގެ އިދާރާގެ ތިން މުވައްޒަފަކު ޕޮޒިޓިވްވެފައިވޭ، މެމްބަރަކު ނުހިމެނޭ
 
އާދިއްތަ ދުވަހު ވަނީ މަޖިލީހުގެ އިދާރާގެ މުވައްޒަފެއް ޕޮޒިޓިވް ވެފައި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހެއްގެ ޕްރައިމަރީ ކޮންޓެކްޓަކަށްވެ ހޯމް ކަރަންޓީންގައި މަޑުކުރަން ޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކާއި ޕްރައިމަރީ ކޮންޓެކްޓަކަށް ވުމުގެ ސަބަބުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުޤައްރިރު އަހުމަދު އީސާއަށް ގޭގައި މަޑު ކުރަން އަންގާފައިވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހެއްގެ ޕްރައިމަރީ ކޮންޓެކްޓް ޓްރޭސިންގެ ދަށުން، މެމްބަރު އީސަ ހޯމް ކަރަންޓީނުގައި މަޑު ކުރަން ޖެހިފައިވާއިރު، އާދިއްތަ ދުވަހު ވަނީ މަޖިލީހުގެ އިދާރާގެ އިތުރު މުވައްޒަފެއް ޕޮޒިޓިވްވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މަޖިލީހުގެ އިދާރާގެ ވަޒީފާގައި އުޅޭ އެ މުވައްޒަފު ވަނީ މިދިއަ ހަފުތާގައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މަޖިލީހުގެ އިދާރާއަށް ނިކުމެފައެވެ.

މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރަމުންދާ ދެ މުވައްޒަފަކު މީގެކުރިން ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން މިއީ މަޖިލީހުގެ އިދާރާގެ މުވައްޒަފެއް ކޮވިޑް-19ށް ޕްރޮޒިޓިވްވި ތިންވަނަ ފަހަރެވެ. މަޖިލީހުގެ އިދާރާގައި 140ށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. މިހާތަނަށް އެއްވެސް މެމްބަރަކު ޕޮޒިޓިވްވެގެން ރިޕޯޓްކުރެވިފައެއް ނުވެއެވެ.

މަޖިލީހުގެ މުވައްޒަފުންތަކެއް ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ހުރިހާ މެމްބަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް މަޖިލީހުގެ ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، ގަވާއިދުން މަޖިލީހުގެ އިދާރާގައި ބާއްވަމުންދާއިރު، މިދިޔަ ހަފުތާގެ ޖަލްސާތައް ވެސް މަޖިލީހުގެ އިދާރާގައި ބާއްވާފައިވެއެވެ. މަޖިލިހުގެ ޖަލްސާތައް އިދާރާގައި ބާއްވަން ފެށީ، ކޮވިޑް ފެތުރެން ފެށުމުން ޖަލްސާތައް ވެބް ކޮންފަރެންސިންގ މެދުވެރިކޮށް ބޭއްވުމަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް