ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 12:10
ހއ. ކެލާގެ ކަނޑޫފާ: ގަސްތައް މަރުވަމުން ދަނީ ބައެއް ސަރަހައްދުތަކުން
ހއ. ކެލާގެ ކަނޑޫފާ: ގަސްތައް މަރުވަމުން ދަނީ ބައެއް ސަރަހައްދުތަކުން
އީޕީއޭ
އުތުރުގެ ކަނޑޫފާތައް މަރުވުން
އުތުރުގެ ބައެއް ކަނޑޫފާތައް މަރުވާން ދިމާވާ ސީދާ ސަބަބެއް ދެނެގަނެވިފައެއް ނުވޭ
 
ސީދާ މައްސަލަތައް ދެނެގަނެވޭނީ އިތުރު ދިރާސާއަށް ފަހު
 
އިތުރު ދިރާސާތައް ކުރަމުން ދަނީ ބޭރުގެ ފަންނީ މާހިރުންގެ އިރުޝާދުގެ މަތިން
 
ދެ ރަށުގެ ކަނޑޫފާތަކަށް ދިމާވެފައިވާ މައްސަލަތައް ތަފާތު

ރާއްޖޭގެ އުތުރުގައި ހުރި ކަނޑޫފާތަކުގެ ތެރެއިން ހއ. ނޭކުރެންދޫ އަދި ހއ. ކެލާގައި ހުރި ކަނޑޫފަލުން ބައެއް ގަސްތައް މަރުވަމުންދާ ސަބަބު ދެނެގަތުމަށް އިތުރު ދިރާސާ ބޭނުންވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ކަނޑޫފަލަށް ދިމާވާ 'ޑައިބެކް' ދެނެގަތުމަށް ކުރެވޭ ތަހުލީލުތަކާއި ދިރާސާ މަސައްކަތުގެ އެންމެ ފަހުގެ ތަފުސީލުތައް ހިއްސާކޮށް ނެރުނު ނޫސް ބަޔާނެއްގައި ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ވުޒާރާ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގުޅިގެން ކުރި މަސައްކަތުގެ އަމަލީ ބައި ނިމިއްޖެ ކަމަށެވެ. މި މަސައްކަތް ފަށާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.

ދެ ހަފުތާ ތެރޭގައި ކުރި ދިރާސާއަށް ބޭނުންވާ މައުލޫމަތު އެއްކުރުމަށް ހއ. ނޭކުރެންދޫ އާއި ކެލާގެ ކުޅީގެ 8 ސަރަހައްދަކުން ފެން ނެގިއެވެ. އަދި މި ފެނުގެ ޕީ.އެޗް، އީސީ އަދި ލޮނުގެ އަސަރު ހުރިވަރު ޓެސްޓު ކުރެވުނެވެ. އަދި މަރުވެފައިވާ ގަސްގަހުގެ އަދަދު ސަރަހައްދުތަކަސް ބަލާލައިގެން، އުމުރުފުރާ އެނގޭ ގޮތަށް ރިކޯޑު ކުރިއެވެ. އެގޮތުން ކެލާއިން 577 ގަހުގެ މައުލޫމާތު އަދި ނޭކުރެންދޫއިން 738 ގަހުގެ މައުލޫމާތު ހިމެނޭގޮތަށް ޖުމުލަ 1،315 ގަހެއްގެ މައުލޫމާތު އެއްކުރިއެވެ.

ދެ ރަށަށް ދިމާވެފައިވާ މައްސަލަތައް ތަފާތު

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ކެލާ އަދި ނޭކުރެންދޫގައި ދިމާވެފައިވާ މައްސަލައިގެ ތަފާތުތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކެލާގެ މަރުވެފައިހުރި ބައެއް ގަސްތަކުގެ މޫ ފީވުމުގެ އަލާމާތްތަކެއް ފާހަގަކުރެވުނު ނަމަވެސް، ނޭކުރެންދޫގެ ކަނޑޫފަލުގައި ހުރި ގަސްތަކުން މި ނިޝާންތައް ފާހަގަކުރެވިފައެއް ނުވެއެވެ.

އޭގެ އިތުރުން، އެކި ގޮތްގޮތުން ގަސް ހެދިބޮޑުވުމަށް ހުރަސްއެޅިދާނެ ދެ ވައްތަރެއްގެ ފަނިފަކްސާއެއް ކަނޑޫފާތަކުގައި ހުރި ގަސްތަކުން ފެނިފައިވެއެވެ. އޭގެ ތެރޭގައި ގަސްތޮރުފާ ފަނީގެ ފަނީގެ ވައްތަރެއް ހިމެނެއެވެ. ދެ ރަށުން ފެނުނު މަޑީގައި ތަފާތުތަކެއް ހުރިކަމަށް ވަނީ ފާހަގަވެފައެވެ. އަދި ގަސް ކައިރީގައި ފެންގަނޑުގައި އުޅޭ ދެ ވައްތަރެއްގެ ފަންޏެއް ދެ ރަށުން ވެސް ފެނިފައިވެއެވެ.

ހއ. ކެލާ ކަނޑޫފާ، މިތަނުގައި ހުރި ބައެއް ގަސްތަކުގެ މޫތައް ފީވެފައިވާކަން ފާހަގަކުރެވިފައިވޭ - ފޮޓޯ: އީޕީއޭ

ކަނޑޫފާތަކުގައި ހުރި ބައެއް ގަސްތައް މަރުވާން ފެށުމުން އެއީ ފެނުގެ ލޮނުގަނޑަށް އަސަރުކުރުމުގެ ސަބަބުން ދިމާވީ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ފިޝަރީޒް މިނިސްޓްރީގެ ދިރާސާއިން މިކަމަށް ބާރުދޭ ހެއްކެއް ލިބިފައެއް ނުވެއެވެ.

ފެނުގެ ޓެސްޓުތަކުގެ ނަތީޖާ ދައްކާ ގޮތުން، ކުޅީގެ ފެންގަނޑުގައި ކާނާ އާއި ލޮނުގެ އަސަރު ހުރީ ކަނޑޫފަލުގައި ގަސް ހެދުމަށް އެކަށޭނެ މިންގަނޑުގެ ތެރޭގައެވެ. ނަމަވެސް ދިރާސާ ކުރެވުނު ދުވަސްވަރަކީ އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރަމުން ދިޔަ ދުވަސްވަރަކަށް ވުމުން، ޓެސްޓުތަކުގެ ނަތީޖާއަށް މުޅިން ބުރަވެވޭކަށް ނެތް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ބޭރުގެ ފަންނީ މާހިރުންގެ ލަފައާއެކު އިތުރު ދިރާސާތައް ކުރިއަށް

ކެލާ އަދި ނޭކުރެންދޫގެ ކަނޑޫފާތަކުގައި ހުރި ގަސްތައް މަރުވާން ދިމާވާ ސީދާ ސަބަބެއް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، މިކަމަށް އިތުރު ދިރާސާ ބޭނުންވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މި ދިރާސާގެ ބޭނުމަށް، ކެރެލާ ފޮރެސްޓް ރިސާޗް އިންސްޓިޓިއުޓް (ކޭ.އެފް.އާރް.އައި) އަދި އޭޝިއާ ޕެސިފިކް ފޮރެސްޓްރީ އިންވޭސިވް ސްޕީޝީޒް ނެޓްވޯކްގެ ތަޖުރިބާކާރުންގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ.

މައްސަލަ ދެނެގަތުމަށް ކުރަމުންދާ އިތުރު މަސައްކަތުގެ ތެރޭގައި، ދެ ރަށުގެ ކަނޑޫފަލުން ނެގުނު ސާމްޕަލްތަކާއި ރަނގަޅަށް ހުރި ކަނޑޫފަލެއްގެ ހާލަތު އަޅާކިޔާނެއެވެ. އަދި ރާއްޖޭގެ ކަނޑޫފަލަށް ދިމާވެގެން އުޅޭ މައްސަލައަކީ މި ހިސާބުގެ އެހެން ގައުމުތަކުން ފެނިފައިހުރި މައްސަލައެއްތޯ ބަލާނެއެވެ.

އޭގެ އިތުރުން، މި ދެ ރަށުން ފެންނަ ފަނިފަކްސާތަކަކީ ކަނޑޫފަލަށް ގެއްލުންދޭކަމަށް ފާހަގަކުރެވިފައި ހުރި ފަނިފަކްސާތަކެއްތޯ ބެލުމާއި، މި ކަމަށް ފަރުވާއެއް ހޯދައި ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް ރަށުފެންވަރުގައިއާއި ޤައުމީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް