ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 09:03
ސްޓޭޓް ބޭންކް އޮފް އިންޑިއާ
ސްޓޭޓް ބޭންކް އޮފް އިންޑިއާ
މުހައްމަދު ޝަރުހާން
އެސްބީއައިގެ ބައެއް ލޯނުތައް މާފުކުރުން
ކޮވިޑާ ގުޅިގެން އެސްބީއައިން 38 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފި
 
ޑޮލަރު އެކައުންޓްއާއި ދިވެހި ރުފިޔާ އެކައުންޓް ހުޅުވުމަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައި
 
ބައެއް ފަރާތްތަކަށް އިތުރަށް ލޯން ދޫކޮށްފައިވޭ
 
ކޯޕަރޭޓް އިންޑިވިޖުއަލް ލޯންތަކުން 23 މިލިއަން ރުފިޔާ ފަސްކޮށް އެ މުއްދަތުގެ އިންޓްރެސްޓް ވަނީ އުނިކޮށްފައި

ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކާއި ފަރުދުންނަށް ދިމާވި ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ން 38 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެސްބީއައިއިން ބޭއްވި ވަރޗުއަލް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ބޭންކްގެ ސީއީއޯ ބާރަތް މިޝްރާ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް ވިޔަފާރިވެރިންނާއި ފަރުދުންނަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މި މަސައްކަތުގެ ތެރެއިން ބޭންކުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯން ފަސްކޮށް ބައެއް ފަރާތްތަކަށް އިތުރަށް ލޯނު ދޫކޮށްފައިވާކަމަށްވެސް މިޝްރާ ވިދާޅުވިއެވެ.

އެގޮތުން، މި އަހަރުގެ މާރޗް މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް ކޯޕަރޭޓް އިންޑިވިޖުއަލް ލޯންތަކުން 23 މިލިއަން ރުފިޔާ ފަސްކޮށް އެ މުއްދަތުގެ އިންޓްރެސްޓް އުނިކޮށްފައިވާއިރު، ވިޔަފާރިތަކަށް އެހީވުމަށް ލިކުއިޑިޓީ ލޯންގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިޝްރާ ވިދާޅުވިއެވެ.

ބޭންކްގައި އެކައުންޓްތައް ހުޅުވުމަށް ފަސޭހަ ގޮތްތައް ހަމަޖައްސައިދީފައިވާކަން ފާހަގަކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވަނީ، ކުރިން ދިވެހި ރުފިޔާ އެކައުންޓް ހުޅުވުމަށް ޑިޕޮސިޓްގައި ބަހައްޓަންޖެހޭ 10،000 ރުފިޔާ 5،000ށް ކުޑަ ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ކުރިން ޑޮލަރު އެކައުންޓް ހުޅުވުމަށް ޑިޕޮސިޓްގައި 2000 ޑޮލަރު ހުންނަންޖެހޭއިރު، މިހާރު 500 ރުފިޔާއިން ޑޮލަރު އެކައުންޓް ހުޅުވެއެވެ.

ކޮވިޑް-19އާ ގުޅިގެން ވިޔަފާރިވެރިންނާއި އާންމުންނަށް ދިމާވާ ދަތިތައް ލުއި ކުރުމަށްޓަކައި ބޭންކްތަކުން އަންނަނީ އިންޓްރެސްޓް ކުޑަކޮށް، ލޯން ދައްކާ މުއްދަތު ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް