ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 07:58
ލެގަނޭސް އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ލެގަނޭސް އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ޗެމްޕިއަން ރެއާލް އެއްވަރު، ބާސާއަށް ފަސޭހަ މޮޅެއް
ލެގަނޭސް އާއި ރެއާލް އެއްވަރުވީ 2-2 ން
އަލަވޭސް އަތުން ބާސާ މޮޅުވީ 5-0 ން

ސްޕެނިޝް ލީގުގެ ފަހު މެޗުގައި ޗެމްޕިއަން ރެއާލް މެޑްރިޑާއި ލެގަނޭސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލެގަނޭސް ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މިޑްފިލްޑަރު އިސްކޯގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

މި ލަނޑަށް ފަހުވެސް ރެއާލުގެ ކުޅުންތެރިންނަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެގަނޭސްއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޮނަތަން ސިލްވާގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރަޔަން ގިލްއެވެ.

މެޗުގައި ރެއާލުން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި މާކަސް އެސެންސިއޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެކަމަކު މެޗުގެ 78 ވަނަ މިނެޓުގައި ރޮޖާ އަސަލޭ ވަނީ ލެގަނޭސްއަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަލަވޭސް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 5-0 ން

މީގެ އިތުރުން ލީގުގައި ވާދަވެރި ބާސެލޯނާ ވަނީ އާދީއްތަ ދުވަހުގެރޭ ޑިޕޯޓިވޯ އަލަވޭސް އަތުން ފަސޭހަކަމާއެކު މޮޅުވެފައެވެ. އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ދެ ލަނޑު ޖެހިއިރު، ބާސާގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަންސޫ ފަޓީ އާއި، ނެލްސަން ސެމޭޑޯ އަދި ލުއިސް ސުއަރޭޒްއެވެ.

މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު މެސީ ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މި ސީޒަނުގެ ސްޕެނިޝް ލީގުގައި މެސީ 25 ލަނޑު ކާމިޔާބުކުރިއިރު، މިއީ ސްޕެނިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު މެސީ ހޯދި ޖުމްލަ ހަތްވަނަ ފަހަރެވެ.

އާދީއްތަ ދުވަހުގެރޭގެ މެޗުތަކާއެކު މި ސީޒަނުގެ ސްޕެނިޝް ލީގު ނިމިގެންދިޔައިރު، ޗެމްޕިއަންކަން ހޯދި ރެއާލް އެއްވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާއެކުއެވެ. ރެއާލަށް 87 ޕޮއިންޓު ލިބިފއިވާއިރު، ބާސާއަށް ލިބިފައިވަނީ 82 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރުވަނައިގައި އޮތް ސެވިއްޔާއަށް ވަނީ 70 ޕޮއިންޓު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް