ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 23:57
އަލީ ވަހީދު ފުލުހުންގެ އިދާރާއަށް ވަންނަނީ
އަލީ ވަހީދު ފުލުހުންގެ އިދާރާއަށް ވަންނަނީ
ރާއްޖެއެމްވީ
އަލީ ވަހީދުގެ މައްސަލަ
ތުހުމަތުތަކަށް އިންކާރުކުރަން، މިއީ ރާވައިގެން ހިންގާ ޖަރީމާއެއް: އަލީ ވަހީދު
 
ސިޔާސީ ނުފޫޒު ހިމެނޭ މައްސަލައެއް ކަމަށް ވިދާޅުވި
 
ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވި
 
އަލީ ވަހީދު ފުުލުހަށް ހާޒިރުކޮށްފައިވަނީ އާދިއްތަ ދުވަހުގެރޭ

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރެއްވި އަލީ ވަހީދު އަށް ކުރެވޭ ތުހުމަތުތަަކަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

އަލީ ވަހީދަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އާދިއްތަ ދުވަހުގެރޭ ފުލުހަށް ހާޒިރުކޮށް ބަޔާންވަނީ ނަގާފައެވެ.

ދެ ގަޑިއިރު ވަންދެން ފުލުސް އޮފީހުގައި ހުންނެވުމަށް ފަހު ބޭރަށް ނިކުމެ ވަޑައިގެން މީޑިއާތަކާއި ވާހަކަ ދައްކަވަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ފުލުހުން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބުދެއްވާފައިވާނެ ކަމަށާއި، މި މައްސަލަ އަކީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއް ކަމަށެވެ. އެކަމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. މައްސަލައިގެ ތަހުގީގު ނިމުމުން ރައްޔިތުންނަށް ހަގީގަތް ހާމަވެގެން ދާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިއީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް. މިކަމުގެ ތަހުގީގު ނިމިގެން ދިޔާމަ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންނަށް ސާފުވެގެންދާނެ.
އަލީ ވަހީދު - ކުރީގެ ޓޫރިޒަމް މިނިސްޓަރު

އަލީ ވަހީދު ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވަމުން ދާނެ ކަމަށާއި، އޭނާގެ މައްސަލަ އަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ.

ސިޔާސީ ކުރިމަގާއި ގުޅޭ ގޮތުން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ، ސިޔާސީ ކުރިމަގާއި މެދު ގޮތެއް ނިންމާނީ މައްސަލަ ނިމި އިންސާފު ލިބުމުން ކަމަށެވެ. އަދި އަލީ ވަހީދު ވިދާޅުވީ، އޭނާ އަކީވެސް މި ސަރުކާރު ގެނައުމުގައި ވަރަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، ވަޒީރުކަމުގައިވެސް މަސައްކަތް ކުރައްވާފައިވާނީ ވަރަށް ބުރަކޮށް ކަމަށެވެ. ތުހުމަތުތަކާއި ގުޅިގެން ހުންނެވީ ވަރަށް ބޮޑަށް ދެރަވެފައި ކަމަށް މަޑުމޮޅި ރާގެއްގައި އަލީ ވަހީދު ވިދާޅުވިއެވެ.

މިރޭ އެއް ގަޑިއިރު ފަހުން އަޅުގަނޑުގެ ޒުވާން ހަޔާތް ނިމިގެންދާނެ. މިރޭ އަޅުގަނޑަށް 36 އަހަރު ފުރިގެންދާނެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ވަޒީރުންގެ މަޖިލީހާ އަދި ސިޔާސީ ޕާޓީތަކުގެ އިސްމަގާމުގައި މަސައްކަތްކޮށްފައި ހުންނާނެ އިހްލާސްތެރިކަމާއި އެކު އަމާނާތްތެރިކަމާއި އެކު.
އަލީ ވަހީދު - ކުރީގެ ޓޫރިޒަމް މިނިސްޓަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯޑިއޯތަކެއް ހުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާތީ އެކަމާއި ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން އަލީ ވަހީދު ވިދާޅުވީ، އެފަދަ ކަންތައްތަކަކީ އޭނާ ކުރާ ޒާތުގެ ކަންކަން ނޫންކަން އެއްކޮށް މަސައްކަތްކުރެއްވި ހުރިހާ ސިޔާސީ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަލީ ވަހީދަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން އޭނާ ދިރިއުޅުއްވަމުން ގެންދަވާ ގެ ފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އަލީ ވަހީދު ފާސްޕޯޓް ހިފަހައްޓާ ފުރުންވެސް ވަނީ މަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
0%
75%
0%
0%
0%
ކޮމެންޓް