ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 01:01
ހައްޖުގެ އަޅުކަމަށް ފުރުމަށްޓަކައި ތައްޔާރުވެގެން ބަޔަކު އެއަރޕޯޓަށް ދިއުމުގެ މަގުމަތީގައި
ހައްޖުގެ އަޅުކަމަށް ފުރުމަށްޓަކައި ތައްޔާރުވެގެން ބަޔަކު އެއަރޕޯޓަށް ދިއުމުގެ މަގުމަތީގައި
އަވަސް
އަލް -ފަތުޙު ހައްޖު އެންޑް ޢުމްރާ ގުރޫޕް
ފަތުހަ ހައްޖު ގްރޫޕުން މަކަރާ ހީލަތްހެދުމުގެ ކުށް ސާބިތުނުވާކަމަށް ނިންމި ނިންމުން ރަނގަޅު: ހައިކޯޓު
 
ހައްޖަށް ގެންދާނެ ކަމަށްބުނެ، 72 މީހެއްގެ އަތުން ޖުމްލަ 5،675،560ރ ނަގާފައިވޭ
 
ހިޔާނާތްވުމުގެ ކުށުގެ ދައުވާ އަލުން ކްރިމިނަލް ކޯޓުން ބެލުމަށް ހައިކޯޓުން ވަނީ ނިންމާފައި
 
ނަމަވެސް އެހުކުމުގެ ތެރެއިން، ބާތިލް ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ދެ ދައުވާ ކަމަށް ނިންމައި، ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ބާތިލް ކަމަށް ނިންމި ނިންމުން ރަނގަޅެއް ނޫން
 
ފަތުހަ ހައްޖު ގްރޫޕްގެ މުސްތަފާގެ މައްޗަށް ކުރި މަކަރާ ހީލަތް ހެދުމުގެ ދައުވާ ބާތިލް ކަމަށް ނިންމި ނިންމުމަށް ހައިކޯޓުން ވެސް ތާއީދު

އަލް -ފަތުޙު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ވެރިޔާ އަދި މެނޭޖިންގ ޑިރެކްޓަރ މ. އެކްސެލް، މުސްތަފާ މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާގެ ތެރެއިން އެއް ދައުވާ، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށާއި ނަމަވެސް ދެ ވަނަ ދައުވާ، ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައިކޯޓުން ނިންމައިފި އެވެ.

ފަތުހަ ހައްޖު ގްރޫޕްގެ ވެރިޔާ، މުސްތަފާގެ މައްޗަށް ދައުލަތުން، އެކުއެކީގައި އުފުލި ދެ ދައުވާއަކީ، މަކަރާ ހީލަތް ހެދުމުގެ ކުށުގެ ދައުވާ އަކާއި، ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެކެވެ.

މުސްތަފާގެ މައްޗަށް އުފުލި، މަކަރާ ހީލަތް ހެދުމުގެ ކުށުގެ ދައުވާއާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ހުކުމުގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ، މި ދައުވާގެ މައްޗަށް ބިނާވެގެން ކުރެވިފައިވާ ތަހުޤީޤުތައް ފުރިހަމަ ނޫން ކަމަށާއި، އެއީ ޤާނޫނީ ގޮތުން ބާތިލު ތަހުޤީޤެއް ކަމަށެވެ. މީގެ އިތުރުން ދިފާއީ ހެކިންގެ ހެކިބަހުން މުސްތަފާ އެ ދައުވާ އަށް އިންކާރުކޮށް ދައްކާފައިވާ ވާހަކަތަކަށް ބާރުލިބޭ ކަމަށާއި، އެކަންކަން ނަފީ ކުރެވޭނެ ޤާނޫނީ ހެއްކެއް ނުވަތަ ޤަރީނާއެއް ދައުލަތުން ހުށައަޅާފައި ނުވާ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

ކުށް ސާބިތު ކުރުމުގެ އެއް އުންސުރު ކަމަށްވާ ކުށުގެ އަމަލުގެ ނިޔަތަށް ބަލާއިރު، މި މައްސަލާގައި ހެކިބަސް ދިން ފަރާތްތަކުގެ ހެކި ބަހަށް ބަލައި، ދައުވާ ލިބޭ ފަރާތުގެ ޖިނާއީ ކުށުގެ ނިޔަތެއް އޮތް ކަމަށް ޝަރީއަތަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ހުކުމުގައި ފާހަގަ ކުރައްވާފައިވެއެވެ.

މުސްތަފާގެ މައްޗަށް ހުށަހަޅާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ބާތިލްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، މައުލޫއީ ގޮތުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި، މަކަރާ ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ ހުކުމުން ކަނޑައެޅި ނިޔާގެ ބާރުން ބާޠިލް ދައުވާއެއް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ، މަކަރާ ހީލަތުގެ ކުށާއި ހިޔާނާތުގެ ކުށަކީވެސް ތަފާތު ދެ އުންސުރުތަކެއް ހިމެނޭ މުޅިން ތަފާތު ދެ ކުށެއް ކަމަށެވެ. މުސްތަފާގެ މައްޗަށް ދައުވާކުރި، މަކަރާ ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ ނިންމުމުގެ ތެރޭގައި، އެޤަޟިއްޔާގެ ކަނޑައެޅި ނިޔާގެ ބާރުން ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ބާތިލްކުރަން ޖެހުނު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ކޯޓު ހުކުމަކުން ކަނޑައެޅި ނިޔާގެ ބާރުން ބާތިލްވެފައިވާ ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ދައުވާއަކަށްވާތީއާއި، އެފަދަ ދައުވާއެއްގެ މައްޗަށް ބިނާކޮށްފައި އޮތް ތަހުގީގެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ކޯޓުން އިތުރަށް ކުރިއަށް ގެންދިއުން ސައްހަ ވެގެންނުވާނެތީ ކަމަށް ބުނެފައިވެ އެވެ.

ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ، މުސްތަފާގެ މައްޗަށް އުފުލި މަކަރާ ހީލަތް ހެދުމުގެ ކުށުގެ ދައުވާ، ގާނޫނުގައި ބުނާ މަކަރާ ހީލަތް ހެދުމުގެ އުންސުރުތައް ސާބިތުކޮށްދެވިފައި ނެތުމުން، އެ ސަބަބަށްޓަކައި އެ ދައުވާ މުސްތަފާގެ މައްޗަށް ސާބިތުވާން ނެތްކަމަށް ކޮށްފައިވާ ހުކުމްގެ އެބަޔަށް ތާއީދު ކުރެވޭ ކަމަށާއި، އެހެންނަމަވެސް، އެޤަޟިއްޔާގެ ހުކުމުގެ ބާރުން، ހިޔާނާތްތެރުވުމުގެ ކުށުގެ ދައުވާ ބާތިލްކަމަށް ކަނޑައަޅާފައިވަނީ ގާނޫނީ ގޮތުން ސައްހަ ނޫން ގޮތެއްގައި މައްޗަށް ކަމަށްވާތީ ކްރިމިނަލް ކޯޓުން މުސްތަފާގެ މައްޗަށް ކޮށްފައިވާ، މަކަރާ ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ ހުކުމުގެ އެ ބަޔަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ، މުސްތަފާގެ މައްޗަށް އުފުލުނު މަކަރާ ހީލަތް ހެދުމުގެ ކުށުގެ ދައުވާ، ގާނޫނުގައި ބުނާ، މަކަރާ ހީލަތް ހެދުމުގެ އުންސުރުތައް ސާބިތުކޮށްދެވިފައި ނެތުމުން، އެސަބަބަށްޓަކައި އެ ދައުވާ މުސްތަފާގެ މައްޗަށް ސާބިތުވާން ނެތްކަމަށް ކޮށްފައިވާ ހުކުމުގެ އެބަޔަށް ތާއީދުކޮށް، އެހެންނަމަވެސް، މުސްތަފާގެ މައްޗަށް ދައުލަތުން އުފުލި، ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ، ބާޔިލް ކަމަށް ކަނޑައަޅާފައިވަނީ ގާނޫނީ ގޮތުން ސައްހަ ނޫން ގޮތެއްގެ މައްޗަށް ކަމަށްވާތީ، މަކަރާ ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ ހުކުމުގެ އެބައި، ބާތިލްކޮށް، މުސްތަފާގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ، ކްރިމިނަލް ކޯޓުން އަލުން ބަލައި، ފައިސަލާކުރަނިވި، ހުކުމެއް ކުރުމަށްޓަކައި އެޤަޟިއްޔާ އެކޯޓަށް ތަވީލުކޮށް އެގޮތުގެ މަތީން މިމައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ހުކުމް ކުރާކަމަށެވެ.

މިމައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުގެ ބެންޗުގެ އިސްފަނޑިޔާރު، އަލީ ސަމީރު އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި ވިދާޅުވެފައިވަނީ، މިމައްސަލައިގެ އިސްތިއުނާފް ފޯމް ހައިކޯޓަށް ބަލައިގެންފައިވަނީ، އިސްތިއުނާފް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ 77 ދުވަސް ފާއިތުވި ފަހުން ކަމަށްވާތީ، އެއީ ސުޕްރީމް ކޯޓުގެ ސަރކިއުލަރއާ ހިލާފަށް ބަލައިގެންފައިވާ މައްސަލައަކަށްވާތީ، ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ދެކިނުލައްވާ ކަމަށެވެ.

ފަތުހަ ހައްޖު ގްރޫޕުން 1435ހ ވަނަ އަހަރުގެ ހައްޖަށް މީހުން ގެންދިއުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން އެކުންފުންޏަށް ދޫކޮށްފައިވާ 125 މީހުންގެ ކޯޓާގެ އިތުރަށް، އެއަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ، 72 މީހެއްގެ އަތުން، 4،056،460ރ (ހަތަރުމިލިއަން ފަންސާސް ހަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ރުފިޔާ) އާއި، 105،000 ޑޮލަރު (އެއްލައްކަ ފަސްހާސް ޑޮލަރު) ޖުމްލަ 5،675،560ރ (ފަސްމިލިއަން ހަލައްކަ ހަތްދިހަފަސްހާސް ފައްސަތޭކަފަސްދޮޅަސް ރުފިޔާ) ނަގާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް