ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 19:47
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގުރާމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން
ރާއްޖެއެމްވީ
އެފްއޭއެމްގެ ކުއްލި މައްސަލަ
ރާއްޖެ ސަސްޕެންޑް ވެދާނެ އެއްވެސް ކަމެއް މަޖިލީހުން ކުރާނެ ކަމަށް ނުދެކެން: ސުޒޭން
މީގެ ކުރިން ފީފާއިން ވަނީ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ދީފައި
ރައްޔިތުންގެ މަޖިލީހުން އަންނަނީ އެފްއޭއެމްގެ މައްސަލަ ބަލަމުން

ދިވެހިރާއްޖެ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ވެދާނެ އެއްވެސް ކަމެއް ރަޔިތުންގެ މަޖިލީހުން ކުރާނެ ކަމަށް ނުދެކޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު މި މަހުގެ ދެވަނަ ދުވަހު ދުވަހު ބޭއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އަންނަނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލަ އިތުރަށް ދިރާސާ ކުރަމުންނެވެ.

އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމާއެކު، ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ފީފާއިން ވަނީ ދީފައެވެ. މިއީ ރާއްޖެއަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ އިންޒާރެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މެންބަރު އަލީ އާޒިމަކީ އޭއެފްސީގެ އިތުރުން އެފްއޭއެމްގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށްވާތީވެ، ރާއްޖެ ސަސްޕެންޑް ވުމަށް އަލީ އާޒިމްވެސް ބޭނުންފުޅުނުވާނެ ކަމަށެވެ.

ފުރަތަމަ ކަމަކަށް އަލީ އާޒިމް ހުށަހެޅުއްވި މައްސަލައެއް މީ. އަޅުގަނޑު ހިތަކަށްނާރާ އެއްވެސް އިރެއްގައި ދިވެހިރާއްޖެ ސަސްޕެންޑްވާން އަލީ އާޒިމް ބޭނުންވެވަޑައިގެންވާނެ ކަމަށްކަށް. އޭއެފްސީގެ އެގްޒެކުޓިވް ކޮމިޓީގެ ހިމެނިވަޑައިގެންނެވި ބޭފުޅެއް. އެފްއޭއެމްގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އަލީ އާޒިމަކީ.
އަލީ ސުޒޭން

ސުޒޭން އިތުރަށް ބުނީ އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި، އެހެންކަމުން ރާއްޖެ ސަސްޕެންޑް ވުމުގެ ވާހަކައަކީ ވަރަށް ދުރު ވާހަކައެއް ކަމަށެވެ. އަދި އެފްއޭއެމްގެ އިންތިޚާބުގައި ޤާނޫނީ ގޮތުން ބަލަން ހުރި ކަމެއް ބެލުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި، އެކަމަކު އެފްއޭއެމްގެ އިންތިޚާބު ބާއްވާފައިވަނީ ހުރިހާ ކަމެއް ފުރިހަމަކޮށްގެން ކަމަށްވެސް ސުޒޭން ބުންޏެވެ. އެހެންކަމުން ދެން ފުޓްބޯޅައާއެކު އެންމެ އެކުގައި ކުރިއަށްދިޔުމަށް ސުޒޭން ގޮވާލިއެވެ.

އަޅުގަނޑުމެން ސަސްޕެންޑް ވުމުގެ ވާހަކައަކީ ވަރަށް ދުރު ވާހަކައެއް. ކޮންމެ ގޮތެއްވިއަސް އިންތިޚާބުގެ ކަންކަން އިރާދަކުރެއްވިއްޔާ ވަރަށް އޮމާންކޮށް ނިމިފަ އެއޮތީ. ދެން އިންތިޚާބުގަވެސް ޤާނޫނީ ގޮތުން ބަލަން ހުރި ކަމެއް ބެލުން އެއީ އެއްވެސް މައްސަލައެއް ނޫން. އެހެންނަމަވެސް އެ ހުރިހާ ސިފަތަކެއް ފުރިހަމަވެގެން އިންތިޚާބު ބޭއްވީ.
އަލީ ސުޒޭން

އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިޚާބުކުރިއިރު، އެފްއޭއެމްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީވެސް ބައްސާމް އެކަންޏެވެ. ބައްސާމާއި އޭނާ ހުށަހެޅުއްވި ހިންގާ ކޮމިޓީއަށް އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން، ބައްސާމުގެ ޓީމުގެ އިންތިޚާބު ކޮށްފައިވަނީ ވޯޓަކާނުލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް