ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 19:46
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
މެންޗެސްޓާ ސިޓީގެ ހާލަތު
ރެއާލް ބަލިކުރަން ސިޓީގެ ހާލަތު ރަނގަޅު ކުރަން ޖެހޭ: ގާޑިއޯލާ
ފުރަތަމަ ލެގުގެ މެޗުން ސިޓީން ވަނީ ރެއާލްގެ މައްޗަށް 2-1 ން ކުރިހޯދާފައި
ކޮވިޑް-19 ގެ ބްރޭކަށްފަހު ރެއާލުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް ބަލިކުރަން މެންޗެސްޓާ ސިޓީގެ ކުޅުން މިހާރަށް ވުރެން ރަނގަޅު ކުރަން ޖެހޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އަންނަ އޮގަސްޓް މަހު ޗެމްޕިއަންސް ލީގު އަލުން ފަށާއިރު، ސިޓީން ވަނީ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި 2-1 ން ރެއާލް ބަލިކޮށްފައެވެ.

އެފްއޭ ކަޕްގެ ސެމީފައިނަލުގައި އާސެނަލް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ސިޓީން މިވަގުތު އަމާޒު ހިފާފައިވަނީ ޗެމްޕިއަންސް ލީގަށް ކަމަށެވެ. އަދި ރެއާލުން ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ފެނިފައިވާ ކަމަށާއި، ސިޓީން އެޓީމުގެ އެޓޭކުތައް ވަރުގަދަ ނުކޮށްފިނަމަ، ރެއާލް އަތުން ފަސޭހަ ކަމާއެކު ބަލިވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އިތުރަށް ބުނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި އެޓީމު ބަލިކުރެވުމަކީ ދެވަނަ ލެގަށް ސިޓީ ނުކުންނައިރު އޮތް ބޮޑު އެޑުވާންޓޭޖެއް ކަމަށާއި، މި މެޗުގައި ޕްރެޝަރު ބޮޑީ ރެއާލަށް ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލުން ސިޓީއާ ދެކޮޅަށް ނުކުންނައިރު، ރެއާލުން ވަނީ ކޮވިޑް-19 ގެ ބްރޭކަށްފަހު ކުޅުނު 10 މެޗުންވެސް މޮޅުވެ، މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އެއާ ޚިލާފަށް ގާޑިއޯލާގެ ސިޓީން އަންނަނީ މި ފަހަކަށް އައިސް ދަށް ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެފްއޭ ކަޕުން ސިޓީ ކެޓިއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ ވަނީ މި މަހުގެ ކުރީކޮޅު ސައުތެމްޓަން އަތުން ބަލިވެފައެވެ.

އަންނަ އޮގަސްޓް މަހު ޗެމްޕިއަންސް ލީގު އަލުން ފަށާއިރު، ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ސިޓީ ކުޅޭ މެޗު އޮގަސްޓް މަހުގެ އަށްވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް