ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 19:17
އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އާއި ކޯޗު މިކޭލް އާޓެޓާ
އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އާއި ކޯޗު މިކޭލް އާޓެޓާ
ގެޓީ އިމޭޖަސް
އޮބާމަޔަން އާސެނަލްގައި މަޑުކުރުން
އާސެނަލްގެ އެއްބަސްވުން އޮބާމަޔަން އާކުރާނެ ކަމުގެ އިތުބާރު އެބައޮތް: އާޓެޓާ
އޮބަމަޔަންގެ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާނެ
އޮބާމަޔަން ހޯދުމަށް ޗެލްސީ އާއި ބާސެލޯނާއިންވެސް އަންނަނީ މަސައްކަތް ކުރަމުން

އާސެނަލްގެ އެއްބަސްވުން ޕިއޭ-އެމެރިކް އޮބާމަޔަން އާކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް އެޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

ގެބޮންއަށް އުފަން އުމުރުން 30 އަހަރުގެ އޮބާމަޔަން ހޯދުމަށް ޗެލްސީ އާއި ބާސެލޯނާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޮބާމަޔަން މި ވަގުތު އާސެނަލްގެ އެއްބަސްވުމުގައި ހުރީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އާސެނަލުން އޮބާމަޔަންއަށް އައު އެއްބަސްވުމެއް ދޭން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

އެކަމަކު އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލްގައި މެންޗެސްޓާ ސިޓީ ބަލިކުރި މެޗަށްފަހު އާޓެޓާ ބުނީ މި މޮޅާއެކު އާސެނަލް ކަންކަން ރަނގަޅު މިސްރާބަކަށް ދަމުން އަންނަ ކަމަށާއި، މިހާރު އޮތް ހާލަތުން އެޓީމުގެ ކެޕްޓަން އޮބާމަޔަން ޓީމުގައި މަޑުކުރާނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އަދި އޮބާމަޔަންއާއެކު ދެއްކި ވާހަކަތަކުންވެސް އޭނާ ޓީމުގައި މަޑުކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް އާޓެޓާ ވަނީ ބުނެފައެވެ.

މިދިޔަ ޑިސެމްބަރު އާސެނަލްގެ ކޯޗުކަމާ ހަވާލުވި އާޓެޓާ އަންނަނީ ފަހަކަށް އައިސް އާސެނަލްގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. އެފްއޭ ކަޕްގައި ހޮނިހިރު ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން 2-0 ން އާސެނަލް މޮޅުވިއިރު، މިދިޔަ ބުދަ ދުވަހުގެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ވަނީ 2-1 ން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފައެވެ.

އާސެނަލްގެ ކުރީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އޮބާމަޔަން އެޓީމު ދޫކޮށްލާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، މީގެ ކުރިން އޮބާމަޔަން ވަނީ އާސެނަލްގައި މަޑުކުރުމާ މެދު ގޮތެއް ނިންމުމަކީ އޭނާގެ ކެރިއަރުގެ އެންމެ މުހިއްމު ނިންމުން ކަމަށް ބުނެފައެވެ.

އޮބާމަޔަން ހޯދަން ޗެލްސީ އާއި ބާސާއިންވެސް މަސައްކަތް ކުރަމުން އަންނައިރު، މިފަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އޮބާމަޔަން ހޯދަން ބާސާއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެކަމަކު އޮބާމަޔަންއަށް ބާސާއިން އަދިވެސް ޝައުގުވެރިވާ ކަމަށާއި، މި ސީޒަން ނިމުމުން އޮބާމަޔަން ހޯދަން 50 މިލިއަން ޔޫރޯގެ ބިޑެއް ކުރަން ބާސާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ދެ އަހަރު ކުރިން ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 63 މިލިއަން ޔޫރޯއަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 106 މެޗުގައި 66 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް