ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލަރޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އާދިއްތަ ދުވަހު ހަވީރު 4:00ން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ވައިޖެހޭނެކަމަށް ލަފާކުރެވެނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން ހޯމަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ހުޅަނގުއުތުރާއި އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.