ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 13:04
ގދ.މަޑަވެލި، ގަވާއިދާ ހިލާފަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނޭ
ގދ.މަޑަވެލި، ގަވާއިދާ ހިލާފަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނޭ
ސޯޝަލް މީޑިއާ
ބިދޭސީން އަނބުރާ ގައުމަށް ފޮނުވުން
އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސީން މަޑަވެލި ކައުންސިލަށް އެންގުމަށް އެދިއްޖެ
 
ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުން
 
ބިދޭސީންގެ މައުލާމާތު 06 އޮގަސްޓް ނިޔަލަށް ކައުންސިލްއާ ހިއްސާކުރުމަށް އެދިފައިވޭ
 
ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އެރަށުގައި ދިރިއުޅެމުންދޭ

ގދ. މަޑަވެލީގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ކައުންސިލަށް އެންގުމަށް އެދިއްޖެއެވެ.

މަޑަވެލި ކައުންސިލުން ބުނީ ސައްހަ ލިޔުމެއް ނެތް (ވާރކް ޕާރމިޓް އަދި ވިސާ ކާޑް) ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން، އެރަށުގައި ދިރިއުޅެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިބިދޭސީ ފަރާތްތަކުގެ ތެރޭގައި އަތުގައި ސައްހަ ލިޔުމެއް ނެތް ބިދޭސީންގެ ތެރެއިން އަބުރާ ގައުމަށް ދާން ބޭނުންވާ މީހުންނަށް އެފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ދިނުމަށް ވަނީ ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އެހެންކަމުން އަތުގައި ސައްހަ ލިޔުމެއްނެތް އަބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ މައުލާމާތު 06 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ކައުންސިލްއާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.

މަޑަވެލީގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމާ ގުޅޭ ގޮތުން ކައުންސިލުން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރެއް" އޮންނަންވާނެ ކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބިދޭސީ މަސައްކަތްތެރެއިން ގެންގުޅޭ ކަމަށްވާނަމަ ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ކައުންސިލުން އެދިފައިވެއެވެ.

ކައުންސިލުން ބުނީ މި އެންގުމާއި ޚިލާފަށް މަޑަވެލީގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި، އަމިއްލަ ފަރާތްތައް އަދި ބިދޭސީ މަސައްކަތް ތެރިން ދަފްތަރު ކުރުމަކާ ނުލައި ގަވައިދާ ޚިލާފަށް ގެންގުޅޭ ވެރި ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، މިމައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 3000ށް ވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވާލާފައިވާއިރު، ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކުން ދަނީ އެރަށެއްގައި ދިރިއުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
50%
0%
0%
0%
ކޮމެންޓް