ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 10:30
އާސެނަލާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-0 ން
އާސެނަލާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި އެފްއޭ ކަޕް
ޗެމްޕިއަން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް
ސިޓީ އަތުން އާސެނަލް މޮޅުވީ 2-0 ން
މިއީ އާސެނަލް އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކުރި 21 ވަނަ ފަހަރު

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ސިޓީގެ މައްޗަށް އާސެނަލް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލް މުބާރާތުގެ ފައިނަލަށް ދަތުރުކުރި 21 ވަނަ ފަހަރެވެ. އާސެނަލުން ވަނީ މިހާތަނަށް 13 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 19 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ނިކޮލަސް ޕެޕޭ ހުރަސްކޮށްދިން ބޯޅައަކުން އާސެނަލަށް ލީޑު ނަގައިދިނީ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއެވެ.

އޭގެ ފަހުން ސިޓީން މެޗު ޑޮމިނޭޓުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، އާސެނަލުން ވަނީ ރަނގަޅު ޑިފެންސެއްކޮށް ސިޓީ ހުއްޓުވާފައެވެ. މި މެޗުގައި އާސެނަލްގެ ފަހަތަށް ކުޅޭ ޑޭވިޑް ލުއިޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި އާސެނަލުން ލީޑު ފުޅާކޮށްފައިވަނީ 71 ވަނަ މިނެޓުގައެވެ. ކައުންޓަ އެޓޭކެއްގައި ކިއެރަން ޓިއެރަނީގެ އެހީއާއެކު މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި އޮބާމަޔަންއެވެ.

އާސެނަލް އަތުން ސިޓީ ބަލިވިއިރު، މިއީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ފަހު އިނގިރޭސި ކަޕް މުބާރާތަކުން ސިޓީ ކެޓި ފުރަތަމަ ފަހަރެވެ. ސިޓީ ވަނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގާއި، ލީގު ކަޕް އަދި އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ. އެކަމަކު މި ސީޒަނުގައި ސިޓީއަށް ކާމިޔާބުކުރެވުނީ ލީގު ކަޕް އެކަންޏެވެ.

ސިޓީ ބަލިކޮށް އާސެނަލް އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކުރިއިރު، ފައިނަލްގައި އާސެނަލް ނުކުންނާނީ ސެމީގެ ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުޅެ މޮޅުވާ ޓީމަކާއެވެ. މި މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 22:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް