ފ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން، ފ. އަތޮޅުން ފެށިގެން އައްޑޫސިޓީ އަށް ވައިޓް އެލަރޓް ނެރެފައިވަނީ ހެނދުނު 9:00ން މެންދުރު 14:00 އާއި ހަމަޔަށެވެ.
މިރޭ 8:00ށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުންޏެވެ. ބޯކޮށް ވާރޭ ވެހި، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ، ޢާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.