އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޝާމިލްވާ ފަރާތްތައް ދެނެގަނެ ރައްޔިތުންގެ ފައިސާއިން ހިޔާނާތްތެރިވި މީހުން ގާނޫނޫގެ ކުރިމައްޗަށް ގެންނާނެކަމުގެ ވައުދަކީ އިންތިހާބު ދުވަސްވަރުގައި އެންމެ އަޑުހަރުކޮށް ދެކެވެނު އެއް ވާހަކައެވެ. އަނެއްކާވެސް އެވާހަކައަށް ކުޑަކޮށް އަލިއަޅުވާލާނަމެވެ.
މި ސަރުކާރު ވުޖޫދަށް އައި ފަހުން މައްސަލައިގައި ގިނަ ކުރިއެރުންތަކެއް ލިބި އެތައް ކަމެއް ތިލަވެގެން ދިޔަނަމަވެސް އިންސާފު ލިބުން އޮތީ ވަރަށް ދުރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދުރުނޫން މާޒިގައި ދެކެވިފައި ހުރި ވާހަކަތަކުން ފަށަމާ ހިނގާށެވެ.
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރަކު ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭރު ވެސް ބުނަމުން އައީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައްސަލަ ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވާ މެމްބަރަކު އިސްދައުރެއް އަދާކުރެއްވާފައިވެއެވެ. އެ މެމްބަރަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އެމްޑީޕީ ތަމްސީލް ކުރެއްވި މެމްބަރަކަށްވާއިރު ކަން ހިނގައިދިޔަ ގޮތް އިތުރަށް ފޮރުވުމެއްނެތި ރައްޔިތުންނަށް ހާމަ ކުރަން އެބަޖެހެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މެމްބަރަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަނެއް ހާ ރުފިޔާ ލިބިފައިވެވެ.
މިއީ ހަމައެކަނި އެ މެމްބަރަށް ލިބުނު ފައިސާތޯ އެއީ ސުވާލު އުފެދޭ ކަމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާ އެހެނިހެން މެމްބަރުންނަށް ދިނުމުގައި ނުވަތަ ދައުރުކުރުމުގައިވެސް އެ ޢިއްޒަތްތެރި މެމްބަރުގެ ވަރަށް ބޮޑު ރޯލެއް އޮތެވެ.
ރައްޔިތުން ކަންބޮޑުވަނީ މިފަދަ މެމްބަރުން، މިއަދުވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީމަ އެވެ. ހިޔާނާތްތެރިވީ ރައްޔިތުންގެ ފައިސާއަށެވެ. ހިޔާނާތްތެރިވީ އެތައް ދިވެހި ދަރިންނެއްގެ މުސްތަގުބަލުގެ ތަރައްގީއަށް ހަރަދުކުރަން ހުރި، ދިވެހި ދައުލަތުގެ ފައިސާއަށެވެ. ސައްހަ މުއާމަލާތްތަކެއް ކުރެވިގެން އެއް ބަޔެއްގެ ނަން ހާމަނުކުރެވެނީނަމަ، އެ ބަޔަކު ދެނެގަނެ ވަކި ކުރުމަށް ފަހު، ސައްހަ ނޫން މުއާމަލާތް ކުރި ބަޔަކު ވަކިކުރަންޖެހެ އެވެ. ރައްޔިތުންގެ އެއަކަށް އަމަލުކުރުން ލާޒިމް ގާނޫނުތައް ހަދާ މަޖިލިހުގައި، ރައްޔިތުންނަށް އެވަރުގެ ބޮޑު ހިޔާނާތެއް ވެފައި ތިބި ހަމަ އެކަކުވެސް، އެ މަޖިލިހުގައި އިތުރު އެންމެ ހިނދުކޮޅަކު ވެސް ހުންނަން ހަމަ އެކަކުވެސް ބޭނުން ނުވާތީއެވެ.