އިރުމަތީ އޭޝިޔާގައި ކޮވިޑް-19 ޖެހިފައިވާ އެންމެ ގިނަ މީހުން ތިބި ގައުމަކަށް ޗައިނާ ވައްޓާލުމަށްފަހު އިންޑޮނޭޝިޔާ ވެއްޖެ އެވެ.
ހޮނިހިރު ދުވަހު އިންޑޮނޭޝިޔާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 84،882ށް އަރާފަ އެވެ. ޗައިނާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ 83,644 ގައެވެ.
ހޮނިހިރު ދުވަހު އިންޑޮނޭޝިޔާގެ ކޮވިޑް-19 ޓާސްކް ފޯހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެދުވަހު އެގައުމުގެ 1752 މީހަކަށް ވަނީ އަލަށް ވައިރަސް ޖެހިފަ އެވެ. އަދި 59 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. މިއާއެކު އެގައުމުގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4016ށް އަރާފަ އެވެ.
ޓާސްކް ފޯހުގެ ސްޕޯކްސްމަން އަހުމަދު އުރިއަންޓޯ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައިވަނީ ވައިރަސް ޖެހިފައިވާކަން ނޭންގި ތިބި އެތައް ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ޚާއްސަ އިސްކަމެއްދީގެން ކުރިޔަށް ގެންދާނެކަމަށް އުރިއަންޓޯ ވަނީ ބުނެފަ އެވެ.
އިންޑޮނޭޝިޔާގެ އެޕިޑެމޮލޮޖިސްޓުން އަންނަނީ އެގައުމުގެ ސަރުކާރުން ވައިރަސް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ނޫންކަމަށް ބުނެ އެކަމަށް ފާޑުކިޔަމުންނެވެ. އަދި ޓެސްޓް ކުރެވޭ މިންވަރު ދަށްކަމަށްވެސް އެޕިޑެމޮލޮޖިސްޓުން އަންނަނީ ބުނަމުންނެވެ.
އިންޑޮނޭޝިޔާގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަނަމަވެސް އިގްތިޞާދަށް ވަމުންދިޔަ ގެއްލުންތައް ފޫބެއްދުމަށްޓަކައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ޖޫން މަހުގެ ކުރީކޮޅުން ފެށިގެން އަންނަނީ ލުއިތައް ދެމުންނެވެ.
އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ސިނަމާތައް ހުޅުވުން ވަނީ އަނެއްކާވެސް ފަސްކޮށްފަ އެވެ. ޖަކާޓާއިން ހޮނިހިރު ދުވަހު 346 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު 8 މީހަކު ވަނީ މަރުވެފަ އެވެ.
އިންޑޮނޭޝިޔާގައި އެންމެ މީހުން ގިނަ ހުޅަނގު ޖާވާގައި އާންމު ތަންތަނުގައި މާސްކު ނާޅާ އުޅޭ މީހުން ޖުލައި މަހުގެ 27 ން ފެށިގެން ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.