ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 17:55
ބާސާގެ ކޯޗު ކީކޭ ސެޓިއެން: ބާސާއިން ދަށްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން ސެޓިއެންގެ ކުރިމަގާއި މެދު ވަނީ ސުވާލު އުފެދިފައި
ބާސާގެ ކޯޗު ކީކޭ ސެޓިއެން: ބާސާއިން ދަށްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން ސެޓިއެންގެ ކުރިމަގާއި މެދު ވަނީ ސުވާލު އުފެދިފައި
ގެޓީ އިމޭޖަސް
ސެޓިއެންގެ ކުރިމަގާމެދު ސުވާލު އުފެދުން
ޗެމްޕިއަންސް ލީގުގެ ކުރިން ސެޓިއެން މަގާމުން ދުރުކުރަނީ؟
"ކޮވިޑް-19 ގެ ބްރޭކްއަށްފަހު ބާސާގެ ކުޅުންތެރިން މޮޅުވާން މަސައްކަތެއް ނުކުރޭ"
ކެޕްޓަން ލިއޮނަލް މެސީވެސް ވަނީ ބާސާގެ ހާލަތު ގޯސް ކަމަށް ބުނެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގެ މެޗުގެ ކުރިން ބާސެލޯނާގެ ކޯޗުގެ މަގާމާއި މި ސީޒަނުގެ މެދުތެރެއިން ހަވާލުވި ކިކޭ ސެޓިއެން މަގާމުން ދުރުކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފަހަކަށް އައިސް ބާސާއިން ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން ސެޓިއެންއަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ދާދި ފަހުން މީޑިއާއާ ވާހަކަ ދައްކަމުން ސެޓިއެން ބުނީ ސްޕެނިޝް ލީގުގައި އޮސަސޫނާ އަތުން ބަލިވެ ލީގު ކާމިޔާބު ނުކުރެވުމާ ގުޅިގެން ބާސާގެ ކޯޗުގެ މަގާމުގައި އޭނާ އިތުރަށް ބަހައްޓާނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށާއި، އެކަމަކު ހަގީގަތަކީ ކޮވިޑް-19 ގެ ބްރޭކަށްފަހު ބާސާގެ ކުޅުންތެރިން މޮޅުވާން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ލީގު ބާސާއަށް ގެއްލުނީ އަމިއްލައަށް ހެދުނު ގޯސްތަކަކުން ކަމަށާއި، އެއާ ޚިލާފަށް ވާދަވެރި ރެއާލް މެޑްރިޑުން ބްރޭކަށްފަހު ފެނުނީ ލީގު ހޯދުމުގެ އަޒުމުގައި މެޗުތައް ކާމިޔާބު ކުރަމުން އައިތަން ކަމަށްވެސް ބުންޏެވެ.

ބާސާގައި ސެޓިއެންގެ ކުރިމަގާމެދު ސުވާލު އުފެދިފައިވާއިރު، އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީވެސް ވަނީ ބާސާގެ ހާލަތު ގޯސް ކަމަށް ބުނެފައެވެ. މެސީ ބުނީ ބާސާއަކީ މިހާރު ބަލި ޓީމަކަށް ވެފައިވާ ކަމަށާއި، ކޮންމެ ޓީމަކަށްވެސް މި ހާލަތުގައި ބާސާ ބަލިކުރުމަކީ ފަސޭހަ ކަމެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ ބްރޭކަށްފަހު ބާސާ އަތުން ގެއްލިގެން ނުވާނެ ގިނަ ޕޮއިންޓުތަކެއް ގެއްލިފައިވާ ކަމަށާއި، މި ވަގުތު ބާސާ އޮތީ އޮވެގެން ނުވާނެ ހިސާބެއްގައި ކަމަށެވެ.

ބާސާގެ ކޯޗުގެ މަގާމާ ސެޓިއެން ހަވާލުވީ އެޓީމުގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެމަގާމުން ވަކިކުރުމާ ގުޅިގެން ޖެނުއަރީ މަހުގެ ތެރޭގައެވެ. ކޯޗުގެ މަގާމާ ސެޓިއެން ހަވާލުވިއިރުވެސް، އެ މަގާމަށް ސެޓިއެން ކުފޫ ހަމަނުވާ ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ. އެގޮތުން ސެޓިއެންއަކީ މިހާތަނަށް އެއްވެސް މުބާރާތެއްގެ ތައްޓެއް ހޯދިފައިވާ ކޯޗެއް ނޫން ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ. އެކަމަކު ބާސާއިން ސެޓިއެންއާ މަގާމު ހަވާލުކުރީ އޭނާ އަކީ ޒަމާނުއްސުރެ ބާސާ ކުޅެމުން އަންނަ ސްޓައިލް ދަންނަ ކޯޗަކަށް ވުމުންނެވެ.

ބާސާއާ ސެޓިއެން ހަވާލުވިއިރު، އޭގެ ކުރިން ބާސާގެ ކޯޗުކަމާ ހަވާލުވާން އެ ކްލަބުގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒްއަށް ވެސް ހުށެހުޅި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެ ފަހަރު އެ ހުށަހެޅުމަށް ނޫނެކޭ ބުނި ނަމަވެސް، ދާދި ފަހުން ޒަވީ ވަނީ ބާސާގެ ކޯޗުގެ މަގާމާ ހަވާލުވާން އޭނާ ހުރީ ތައްޔާރަށް ކަމަށް ބުނެފައެވެ.

މި ސީޒަނުގައި މިހާތަނަށް އެއްވެސް ކާމިޔާބެއް ބާސާއަށް ހޯދިފައިނުވާއިރު، އެޓީމަށް ދެން ބާކީ އޮތީ ޗެމްޕިއަންސް ލީގު އެކަންޏެވެ. އަންނަ އޮގަސްޓް މަހު ޗެމްޕިއަންސް ލީގު އަލުން ފަށާއިރު، އޮގަސްޓް މަހުގެ އަށްވަނަ ދުވަހު ދެވަނަ ބުރުގެ ދެވަނަ ލެގުގައި ބާސާއިން އަމިއްލަ ދަނޑުގައި ނާޕޮލީއާ ދެކޮޅަށް ނުކުންނާނެއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް