ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 13:05
ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް
ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް
ގެޓީ އިމޭޖަސް
ޕްރިމިއާ ލީގަށް ލީޑްސް ޕްރޮމޯޓްވުން
16 އަހަރަށް ފަހު ލީޑްސް އަލުން ޕްރިމިއާ ލީގަށް
އީއެފްއެލް ޗެމްޕިއަންޝިޕްގެ އެއްވަނައިގައި ލީޑްސް އޮތީ ފަސް ޕޮއިންޓުގެ ލީޑަކާއެކު
ލީޑްސް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2004 ވަނަ އަހަރު

ލީޑްސް ޔުނައިޓެޑް 16 އަހަރަށް ފަހު އަލުން އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެއެވެ.

ޕްރިމިއާ ލީގުގެ ޖާގައެއް ލީޑްސް ހޯދިއިރު، އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގައި އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލީޑްސްއަށް ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވީ ހުކުރު ދުވަހުގެރޭ ހަޑާސްފީލްޑް ޓައުން އަތުން 2-1 ދެވަނައިގައި އޮތް ވެސްޓް ބްރޮމް ބަލިވުމާ ގުޅިގެންނެވެ.

މިހާރު އޮތްގޮތުން ތާވަލުގެ ތިންވަނައިގައި އޮތް ބްރެންޓްފޯޑް ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުން ސްޓޯކް ސިޓީ އަތުން މޮޅުނުވެވިއްޖެނަމަ ލީޑްސްއަށް ޗެމްޕިއަންކަން ލިބޭނެއެވެ. ނުވަތަ ލީގުގައި އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ޑާބީ ކައުންޓީ އަތުން ޕޮއިންޓެއް ހޯދައިގެންވެސް ލީޑްސްއަށް ޗެމްޕިއަންކަން ކަށަވަރުކުރެވޭނެއެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ލީޑްސް މިވަގުތު އޮތީ ކުޅުނު 44 މެޗުން ލިބުނު 87 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވެސްޓް ބްރޮމްއަށް 45 މެޗުން 82 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބްރެންޓްފޯޑަށް 44 މެޗުން ވަނީ 81 ޕޮއިންޓު ލިބިފައެވެ.

ގިނަ ދުވަސްތަކަކަށްފަހު ލީޑްސްއިން ޕްރިމިއާ ލީގުގެ ޖާގައެއް ހޯދިއިރު، އެޓީމަށް އިރުޝާދުދެމުން އަންނަނީ އާޖެންޓީނާގެ މާސެލޯ ބިއެލްސާއެވެ.

މީގެ ކުރިން އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ލީޑްސް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2004 ވަނަ އަހަރުއެވެ. މީގެ ކުރިން ލީޑްސްއިން ވަނީ ތިން ފަހަރެއްގެ މަތިން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ވަނީ 2001 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައިވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް