ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 02:48
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް: ޕްރޮސެކިއުޓަރުންގެ ކަންބޮޑުވުންތައް ރައީސް އަށް
 
ތަހުގީގަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ހިންގާ ތަހުގީގުގެ ނަތީޖާ ހާސިލުވިޔަ ނުދިނުމަށްޓަކައި އެކި ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ދައުލަތުގެ ޕްރޮސެކިއުޓަރުން ތަކެއްގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް ފޮނުއްވައިިފިއެވެ.

މި މައްސަލައާއި ގުޅިގެން ރައީސް ސޯލިހު އަށް ސިޓީއެއް ފޮނުއްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެމްއެމްޕީއާރްސީ މައްސަލައަށް ތަޚްސީސްވެފައިވާ ޕްރޮސިކިއުޓަރުން ތަކެއްގެ ފަރާތުންނެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތާއި ކޮރަޕްޝަނާއި މަނީލޯންޑްރިންގގެ ޢަމަލުތަކާ ގުޅިގެން ހިންގާ ޖިނާއީ ތަޙްޤީޤުތަކަކީ 2015 އަހަރުން ފެށިގެން ކުރިއަށް ގެންދާ ތަޙްޤީޤުތަކެއް ކަން ފާހަގަކޮށް މި ސިޓީގައި ބުނެފައިވަނީ މި މައްސަލައިގެ ތަޙްޤީޤާއި، ދަޢުވާ ކުރުމާއި ޝަރީޢަތުގެ މަރުޙަލާތަކާ މެދު ޢާންމުންގެ ގިނަ ބައެއްގެ ސުވާލުތައް އުފެދިފައިވާ ކަމަށެވެ.

މި ތަޙްޤީޤާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލާގައި މަސައްކަތްކުރުމަށް ވަކި ޚާއްސަ ޓީމެއް 2019 ވަނަ އަހަރު އެކުލަވާލާފައިވާއިރު އެދުވަހުން ފެށިގެން މިއަދާ ހަމައަށް އެ އޮފީހުން މި މައްސަލާގައި ކުރަން ޖެހޭ މަސައްކަތާއި ދޭން ޖެހޭ އިރުޝާދުތަކާއި އަދި އޯވަރސީ ކުރަންޖެހޭ ކަންކަން ބަލައި، އިންސާފު ހޯދައި، އިންސާފުގެ މަގުން ކަންކަން ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ހަތަރު ޕްރޮސެކިއުޓަރެއް ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ތަހުގީގަށް ނުފޫޒު ފޯރުވުމަށް ދަނީ މަސައްކަތް ކުރަމުން

ނަމަވެސް، މި މަސައްކަތުގެ ނަތީޖާ ހާސިލުވިޔަ ނުދިނުމަށްޓަކައި އެކި ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ސިޓީގައި ވަނީ މިކަންކަން ހުއްޓުވައި، ޝަރީޢަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރަސްއަޅަމުން ގެންދާ ކަމަށެވެ. އަދި ރިޔާސީ ކޮމިޝަނާއި، ތަޙްޤީޤީ އިދާރާތައް ޤާއިމު ކުރެވިފައި ހުރިކަމުގައި ވީ ނަމަވެސް، މި މަސައްކަތް އެންމެ އެކަށޭނަ ގޮތުގައި ކުރެވޭނެ ވަސީލަތާއި މާހައުލު މިއަދާ ހަމައަށްވެސް ޤާއިމުވެފައި ނެތުމާއި ގުޅިގެން ކަންބޮޑުވާ ކަން ފާހަގަ ކޮށްފައިވެއެވެ.

ތަހުގީގު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން

ޕްރޮސެކިއުޓަރުން ފޮނުއްވި މި ސިޓީގައި ވަނީ މި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ފާހަގަ ކޮށްފައެވެ.

އިންވެސްޓިގޭޓަރުން އިތުރުކޮށް ފައިސާ ގޮސްފައިވާކަމަށް ބެލެވޭ ޤައުމުތަކުގެ އެހީތެރިކަން ހޯދުން:

އެގޮތުން މިފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގެ ތަޖުރިބާ ހުރި ފޮރެންސިކް އެކައުންޓަންޓުންނާއި ޑިޖިޓަލް އެވިޑަންސް އެނަލިސްޓުން ހޯދުމަށާއި މި މައްސަލަ ތަޙްޤީޤުކުރުމަށް އިތުރު އިންވެސްޓިގޭޓަރުން ތަޚްޞީސް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިޓީގައި ލަފާދީފައިވެއެވެ. މީގެއިތުރުން މިފަދަ މައްސަލަތައް ތަޙްޤީޤުކޮށް އެސެޓް ރިކަވަރކުރުމުގެ ތަޖުރިބާހުރި ބޭރުގެ އިންވެސްޓިގޭޓަރަކު ތަޙްޤީޤަށް ހޯދުމާއި މި މައްސަލައިގެ ތެރެއިން ލިބުނު ގިނަ ޢަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށް ބެލެވޭއިރު، މިކަން އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުންތައް ފައިސާ ގޮސްފައިވާކަމަށް ބެލެވޭ ޤައުމުތަކާއެކު ޤާއިމުކުރުންވެސް ހިމެނެއެވެ.

ގާނޫނުތައް ތަންފީޒު ކުރެވޭނެ މަގުފަހިކޮށް، ބޭންކިންގް ނިޒާމުގެ ރިޕޯޓިން މެކޭނިޒަމެއް ގާއިމުކުރުން:

ސިޓީގައި ބުނެފައިވަނީ ޤާނޫނުތައް ހެދިފައިވީނަމަވެސް، ޤާނޫނުގެ ޙަޤީޤީ މަޤްޞަދު ޙާޞިލުވާނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަން ކުރެވިފައިނުވާ ކަމަށެވެ. އަދި މިކަން ފާހަގަކޮށް ބުނެފައިވަނީ މިފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަންކުރުމަށްޓަކައި ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް އަދި ބޭންކިންގ ނިޒާމުގެ ރިޕޯޓިންގެ މެކޭނިޒަމް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.

ނުޙައްޤު މުއްސަނދިކަން ކުށަކަށް ހަދާ، މައްސަލަތައް ސާބިތުވާ ފަރާތްތައްކުގެ ހުކުމް ތަންފީޒު ކުރެވޭނެކަން ކަށަވަރުކުރުން:

މީގެއިތުރުން، ނުޙައްޤު މުއްސަނދިކަން ކުށަކަށް ހެދުމަށާއި އެސެޓް ޑިކްލެރޭޝަންގެ ނިޒާމަކީ މިހާރު ހަމައެކަނި ނަމެއްގައި އޮތް ނިޒާމެއް ކަމަށާއި ސިޔާސީ މަޤާމުތަކާއި، މިނިވަން މުޢައްސަސާތަކާ، ފަނޑިޔާރުން ހުށަހަޅާ މާލީ ބަޔާންތަކާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްވެސް ސިޓީގައި ވެއެވެ. ދައުލަތުގެ މަޤާމުތަކާއި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރާއިރު، ކޮރަޕްޝަނާއި މަނީ ލޯންޑްރިންގގެ މައްސަލަތަކުގެ ތުހުމަތުކުރެވޭ މީހުން އައްޔަން ނުކުރުމާއި އަދި އެފަދަ މަޤާމުތަކުގައި ތިއްބާ އެކަށީގެންވާ ތުހުމަތުކުރެވުމުން މަޤާމުތަކުން ވަކިކުރުމަށާއި މިފަދަ ބޮޑެތި ކުށްތައް ސާބިތުވާ މީހުންގެ ޙުކުމް ތަންފީޒު ކުރެވޭނެކަން ކަށަވަރުކުރުން އަދި އެ ޔަޤީންކަން ރައްޔިތުންނަށް އޮންނާނެފަދަ ގޮތަކަށް ނިޒާމް ބައްޓަންކުރުމަށް ވެސް ގޮވާލާފައިފެއެވެ.

އެންޓި-ކޮރަޕްޝަންގެ ނިޒާމު ހަރުދަނާ ކުރުން:

އެންމެ ފަހު ކަމެއްގެ ގޮތުގައި ސިޓީގައި ވަނީ އެންޓި-ކޮރަޕްޝަންގެ ނިޒާމު ހަރުދަނާކޮށް، މިހާރަށްވުރެ އަވަހަށް މައްސަލަ ތަޙްޤީޤުކުރެވޭނެ ފަދަ ވަޞީލަތްތައް އެ ކޮމިޝަނަށް ފޯރުކޮށްދިނުމާއި، އެކޮމިޝަނުގެ ޤާނޫނަށާއި، ކޮރަޕްޝަންގެ ކުށްތަކާ ގުޅިގެން ޤާނޫނުލްޢުޤޫބާތަށް ހުށަހަޅާފައިވާ އިޞްލާހުތައް ފާސްކުރުމަށް ބާރުއަޅައި އިސްކަންދިނުމެވެ.

ސިޓީގައި ވަނީ މި މައްސަލައިގެ އެންމެ ފުނަށް ވާޞިލުވެވޭނެ މާހައުލެއް މިވަގުތު ދިވެހިރާއްޖޭގައި އޮތްކަމަކަށް ނުދެކޭ ކަމުގައެވެ. އެހެންކަމުން، މި ފަދަކަންކަން ތަކުރާރު ނުވާނޭހެން މުޅި ނިޒާމު އިޞްލާޙުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސްގެ އަރިހުން ވަނީ އެދިފައެވެ. އަދި މި މައްސަލާގައި އިންސާފު ހޯދުމަށް ކުރާ މަސައްކަތްތަކަށް ވަކި ނުފޫޒެއް އަދި ތަޢައްސުބެއް ނެތި ކުރިއަށް ދެވޭނެ މަގެއް ހޯއްދަވައި ދެއްވުމަށްވެސް ވަނީ އެދިފައެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ހިނގައިގެން ދިޔަ އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ޚާއްސަ ކޮމިޝަނެއް އުފައްދަވާފަ އެވެ. ނަމަވެސް އެ ކޮމިޝަންގެ މަސައްކަތް ލަސްކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

މި މައްސަލައިގައި އޭރާއި މިހާރުގެ ސަރުކާރުގައި ތިއްބެވި އިސްވެރިންނަށާއި، މަޖިލިސް މެންބަރުންނަށާއި، ފަނޑިޔާރުންނާއި އަދި މުއައްސަސާތަކުގެ އިސްވެރިންތަކަކަށް މަންފާ ވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެންދަވަނީ ޚިޔާނާތުގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވާއިރު އެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހުށައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
43%
43%
0%
0%
0%
14%
ކޮމެންޓް
18 ޖުލައި 2020 | ހޮނިހިރު 11:41
ހަސަން
ތިޔަ ކަމެއްނުވާނެ. ތިޔަފައިސާގަ ވަނީ މިސަރުކާރުގެ އެންމެ މަތިންފެށިގެން މަޖިލިސް ގެ މެޖޯރިޓީ އެމް. ޑީ. ޕީ މެންބަރުން ވެސް ޖެހިފަ، ދެން ތިޔަ މައްސަލަބަލާނެ ގޮތެއް ނުވިސްނޭ.
18 ޖުލައި 2020 | ހޮނިހިރު 05:35
ޟިޔާރު
މިހާ ދުވަސް ކޮށްފަ އެމީހުންނަށް ހޯދުނީ ކަމެއް ނުކުރުމުގެ ބަހަނާ.