ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 23:01
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް
ގެޓީ އިމޭޖަސް
ޓްރާންސްފާ ބާޒާރުގައި ޚަރަދު ނުކުރުން
އަންނަ ސީޒަނުގައި ރެއާލަށް މަޝްހޫރު ކުޅުންތެރިއެއް ނުގެންނާނަން: ޕެރޭޒް
ރެއާލުން ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައި
"މި ސީޒަނަކީ ރެއާލަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު ސީޒަނެއް"

ސްޕެނިޝް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އަންނަ ސީޒަނާ ކުރިމަތިލާއިރު ނަން މަޝްހޫރު އެއްވެސް ކުޅުންތެރިއެއް ނުގެންނާނެ ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.

ޕެރޭޒް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.

ޕެރޭޒް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކްލަބަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށާއި، މި ހާލަތުގައި ކްލަބުން އިތުރު ޚަރަދުތަކެއް ކުރުމުގެ ބަދަލުގައި ވިސްނާނީ މިހާރު ކްލަބުގައި ތިބި ކުޅުންތެރިންނާއެކު އަންނަ ސީޒަން ފެށުމަށް ކަމަށެވެ. އެކަމަކު ކްލަބުގެ މާލީ ހާލަތު ރަނގަޅުވުމުން، ކްލަބަށް ނަން މަޝްހޫރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ޕެރޭޒް ވިދާޅުވިއެވެ.

ޕެރޭޒް އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކްލަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރި ކަމަށާއި، އެއީ ވޭތުވެދިޔަ 20 އަހަރު ތެރޭގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ. އަދި އެގޮތަށް ނިންމަން ޖެހުނީ އެ ނޫން ގޮތެއް ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.

ޕެރޭޒް އިތުރަށް ވިދާޅުވީ މި ސީޒަނަކީ ރެއާލަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު ސީޒަނެއް ކަމަށާއި، މިވަގުތު ތިބި ހުރިހާ ކުޅުންތެރިންވެސް ޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވަނީ މި ސީޒަނުގައި ރެއާލާއެކު ތަފާތު މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާއަށް މިއަހަރުގެ ބަލޮންޑޯ އެވޯޑު ހައްގު ކަމަށްވެސް ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހުގެރޭ ވިޔަރެއާލް ބަލިކޮށް ރެއާލުން ވަނީ 34 ވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައެވެ. އެޓީމު ޗެމްޕިއަންކަން ހޯދިއިރު، ލީގު ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ. ރެއާލަށް ކުޅުނު 37 މެޗުން ވަނީ 86 ޕޮއިންޓު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް