އެއްވެ އުޅުމުގެ ހައްގު ހަނިކުރި އިސްލާހު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް ކޮމިޓީން ދިރާސާ ކުރަމުންދިޔައިރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކޮމިޓީއަށް ހާޒިރުކުރުމުން މިހާރު އެބިލް ހުށަހަޅާފައިވާ ގޮތަށް ފާސްވެއްޖެނަމަ ގައުމުގެ މަސްލަހަތު ހިފަހައްޓަން އުނދަގޫވާނެކަމަށް ބުނެފައިވާކަމަށް އެ ބިލް ދިރާސާކުރަމުންދާ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި އިސްލާހު ގެނެސް، މާލޭގައި މުޒާހަރާ ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ވަނީ ދީފަ އެވެ. އެގޮތުން ފުލުހުންގެ ހުއްދަ ކުރީބައިގައި ހޯދައިގެން ފުލުހުން ހުއްދަދޭ ވަކިތަނެއްގައި ނޫނީ އެއް ނުވެވޭގޮތަށް އެ ޤާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.
މިފަހަކުން މާލޭގައި އެކިކަންކަމާއި ގުޅޭގޮތުން އަޑުއުފުލާ އެއްވެ އުޅުންފެށުމާއެކު ހޯމް މިނިސްޓްރީން ކަނޑައަޅާފައި ވަނީ ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ. އެ އިސާލާހާ ދެކޮޅަށް ކުރިން އެންމެ ބޮޑަށް އަޑުއުފުލި މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަނީ ލިބިފައެވެ. އެހެންނަމަވެސް މިބަދަލު އިސްލާހުކުރުމުގެ މަސައްކަތެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަމުންދާ ތަނެއްވެ ނުފެނެއެވެ.
އެއްވެ އުޅުމުގެ ހައްގު ހަނިކުރި އިސްލާހު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރެވެ. އެއީ މިދިޔަ އަހަރެވެ. އެބިލް ކޮމިޓީގައި އޮންނަތާ އަހަރެއްވާން ކައިރިވެފައިވަނިކޮށް މިއިސްލާހުގެ ވާހަކަ ފެންމަތިވީ ހޯމް މިނިސްޓްރީން މިކަމާއި ގުޅިގެން ހުއްދަ ހޯދައިގެން ނޫނީ އެއްނުވެވޭގޮތަށް ކަނޑައެޅުމުންނެވެ.
ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ކޮމިޓީގެ މުގައްރިރާއި ސުވާލުކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރ އަހުމަދު އުޝާމެވެ. އުޝާމްގެ ސުވާލަށް ޖަވާބު ދެއްވަމުން ކޮމިޓީގެ މުގައްރިރު ޝަރީފް ވިދާޅުވީ މިބިލް އަނބުރާ ގެންދެވިކަމަށް ބިލް ހުށަހެޅުއްވި މެމްބަރ ވިދާޅުވެފައިވާ ކަމަށެވެ.
ތި މައްސަލަ ހުށަހެޅުއްވި މެމްބަރ އަޅުގަނޑާއި ހިއްސާކޮށްފައި އެބައޮތް ތިމައްސަލަ އަނބުރާ ގެންދަވާފައިވާ ވާހަކަ. ނަމަވެސް ރަސްމީކޮށް މަޖިލީހުގެ އިދާރާއިން އަޅުގަނޑުމެންނަށް ސިޓީ އެއް ނާންނާތީ ތި މައްސަލަ އިހަށް ޕާކުކުރެވިފައި އޮތީ. އެހެންވީމާ އިދާރާގައި ދަންނަވާލެވިދާނެ ތިކަން އޮތް ހިސާބު ރަސްމީކޮށް ސާފުކުރަން.ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް
ޝަރީފް ވިދާޅުވީ މިބިލް ދިރާސާކުރުމަށް މީގެ ކުރިން ކޮމިޓީން ދެ ބައްދަލުވުމެއް ބާއްވާ ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާނެ ކަމަށެވެ. އެގޮތުން ސާފުކުރިއިރު އެބޭފުޅުން ވިދާޅުވެފައިވަނީ ހުށަހަޅުއްވާފައިވާ ގޮތަށް ބަދަލު ގެނެސްގެން ގައުމުގެ އާންމު ހާލަތު ހިފެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އެމައުލޫމާތު ސާފުކުރިއިރުގައި އެބޭފުޅުން ވިދާޅުވެފައި އޮތީ މުޅިން އެއްކޮށް ތިހުށަހަޅުއްވާފައިވާ ގޮތަށް ތިބަދަލު ޤާނޫނަށް ގެނެސްގެން ޤައުމުގެ އާންމު މަސްލަހަތު ހިފެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށް. އެހެންވީމާ ސަރުކާރުގެ ތަންފީޒީ އިދާރާތަކުން އެހެން ބުނާކަމުގައި ވަނީ ވިއްޔާ އެއީވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. އެހެންވީމާ މި ދެ ސަބަބާއި ހުރެ މިމައްސަލަ ޕާކުވެފައި އޮތީކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް
ކޮމިޓީގެ މުގައްރިރު މިބިލް ޕާކުކުރެވިފައިވާ ސަބަބު ހާމަކޮށްދެއްވަމުން އުޝާމްގެ އިތުރުން އެހެން މެމްބަރުންވެސް ވަނީ ބިލް ޕާކުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުން ރަނގަޅު ނޫންކަމަށާއި މިކަމާއި ބެހޭ ގޮތުން ކޮމިޓީން ވަކިނިންމުމެއް ނިންމަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެއާއެކު މުގައްރިރު ވިދާޅުވީ އެކަން ރަސްމީކޮށް މެމްބަރު އަރިހުން ސާފުކުރައްވާ އެކަމާއި މެދު ގޮތެއް ނިންމަވާނެކަމަށެވެ.
އެއްވެ އުޅުން ހަނިކުރެވޭ ގޮތަށް ގެނައި ބަދަލާ އެއްގޮތަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ނޫނީ އެއްނުވެވޭގޮތަށް ނެރުނު ބަޔާނާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ އެ ފިޔަވަޅުތަކަކީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމާއި އެކު އަޅާފައިވާ 'ވަގުތީ' ފިޔަވަޅުތަކެއް ކަމަށެވެ.
ބުދަ ދުވަހުގެރޭ ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ސުލްހަވެރި އިހުތިހާޖެއް ނުވަތަ އެއްވުމެއް ބޭއްވުމަށްޓަކައި ފުލުހުންގެ ހުއްދައަށް އެދެން ޖެހޭއިރު އެއީ މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން އެޅިފައިވާ ހުރަސްތަކެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބުނާގޮތަށް، ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށެވެ.