ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހު ހަވީރު 16:00ން ފެށިގެން ރޭގަނޑު 22:00 ށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެއިތުރުން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ، އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.