ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 12:06
ޕެލަސް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ން
ޕެލަސް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޔުނައިޓެޑާއި ލެސްޓާވެސް މޮޅުވުމާއެކު، ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެ
ޕެލަސް އަތުން ޔުނައިޓެޑް މޮޅުވީ 2-0 ން
ޝެފީލްޑް އަތުން ލެސްޓާ މޮޅުވީ 2-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ މޮޅުވުމާއެކު، ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ލީގުގައި ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް 2-0 ން މޮޅުވެފައެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް މި ލަނޑު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ.

ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޖޯޑަން އަޔޫ ވަނީ ޕެލަސްއަށް ލަނޑެއް ޖަހައިދިން ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ން ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ. މެޗުގައި ޔުނައިޓެޑުން ލީޑު ފުޅާކޮށްފައިވަނީ 78 ވަނަ މިނެޓުގައެވެ. ރަޝްފޯޑު ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލްއެވެ.

މި މެޗުން މޮޅުވުމާއެކު ޔުނައިޓެޑް ވަނީ ބަލިނުވެ ޖެހިޖެހިގެން 19 މެޗު ހަމަކޮށްފައެވެ.

ލެސްޓާ އާއި ޝެފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 2-0 ން

މީގެ އިތުރުން ލީގުގައި ބުރާސްފަތި ދުވަހުގެރޭ ލެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 ން މޮޅުވެފައެވެ.

މި މެޗުގައި ލެސްޓާއިން ލީޑު ނަގާފައިވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. ލޫކް ތޮމާސްގެ އެހީތެރިކަމާއެކު މި ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ އަޔޯޒީ ޕެރޭޒްއެވެ. އަދި މެޗުގެ 79 ވަނަ މިނެޓުގައި ޖެމީ ވާޑީ ތަނަވަސްކޮށްދިން ފުރުސަތަކުން ޑެމަރާއި ގްރޭ ވަނީ ލެސްޓާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާތަކާއެކު ހަތަރުވަނައިގައި އޮތް ލެސްޓާ އާއި ފަސްވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 37 މެޗުން 62 ޕޮއިންޓު ލިބިފައެވެ. ލެސްޓާއަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ތިންވަނައިގައި އޮތް ޗެލްސީއަށް 37 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް