ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 19:42
ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާ ސަރަހައްދު: ދުވާ ޓްރެކު ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑު އޮތް ބިން
ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާ ސަރަހައްދު: ދުވާ ޓްރެކު ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑު އޮތް ބިން
ރާއްޖެއެމްވީ
ސްވިމިންގ ޕޫލް ކޮމްޕްލެކްސްގެ މަސައްކަތް
"ފުރަބަންދާ ގުޅިގެން ޕޫލްގެ މަސައްކަތަށް މަޑުޖެހުމެއް އައި"
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ފުރަތަމަ މަރުހަލާގެ މަސައްކަތް ފަށާފައި
މިހާރު ކުރިއަށްދަނީ ޕޫލްގެ އިންޖިނިއަރިންގެ އެންމެ ފަހުގެ މަސައްކަތް

ކޮވިޑް-19 ގެ ފުރަބަންދާ ގުޅިގެން އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސްގެ މަސައްކަތަށް މަޑުޖެހުމެއް އައި ކަމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނުނު ކުޅިވަރުގެ ވައުދުތަކުގެ ތެރެއިން ނުނިމި އޮތް ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާ ސަރަހައްދަކީ ދުވާ ޓްރެކު ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑު އޮތް ބިމެވެ.

އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާނެ ބިން ލިބި، އެ ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ބިމުގެ އަމަލީ މަސައްކަތް ފެށިއިރު، ފުރަތަމަ މަރުހަލާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ ކޮވިޑް-19 ގެ ފުރަބަންދާ ގުޅިގެން މަސައްކަތަށް މަޑުޖެހުމެއް އައި ކަމަށާއި، އެކަމަކު ޕޫލްގެ އިންޖިނިއަރިންގެ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ނިމޭހާ އެންމެ އަވަހަކަށް ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅައިގެން ހުއްދަތައް ލިބުމުން އަމަލީ ގޮތުން މަސައްކަތްތައް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެދުނުތާ 45 އަހަރު ވެފައިވާއިރު، އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލެއް އެޅިގެންދިޔުމަކީ ފެތުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ސްވިމިންގ ޕޫލް ކޮމްޕްލެކްސްގެ މަސައްކަތަށް މަޑުޖެހުމެއް އައި ނަމަވެސް، މީގެ ކުރިން ސްވިމިންގ އެސޯސިއޭޝަނުން ވަނީ 45 ވަނަ ގައުމީ ފެތުމުގެ މުބާރާތް އެ ޕޫލްގައި ބޭއްވޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.

އަދި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، އެޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މީގެ ކުރިން ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް