ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 18:33
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ
ގެޓީ އިމޭޖަސް
އެފްއޭ ކަޕްގެ ޝެޑިއުލް
އެފްއޭ ކަޕްގެ ޝެޑިއުލް އިންސާފުވެރިއެއް ނޫން: ސޯލްޝެއާ
އެފްއޭ ކަޕް ސެމީ ފައިނަލުގައި ޔުނައިޓެޑުން އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ނުކުންނާނެ
ސެމީގެ މެޗަށް ތައްޔާރުވާން ޗެލްސީއަށް އިތުރު ދެ ދުވަސް ލިބޭ

އިނގިރޭސި އެފްއޭ ކަޕްގެ ޝެޑިއުލް ހަދާފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް އިންސާފުވެރިކޮށް ނޫން ކަމަށް އެ ކްލަބުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

އެފްއޭ ކަޕް ސެމީ ފައިނަލުގައި ޔުނައިޓެޑުން އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ނުކުންނާނެއެވެ. އެކަމަކު އޭގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނައިރު، ލީގުގައި ޗެލްސީން ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅެފައެވެ. އެހެންކަމުން އެފްއޭ ކަޕް ސެމީއަށް ތައްޔާރުވާން ޗެލްސީއަށް ޔުނައިޓެޑަށް ވުރެން ދެ ދުވަސް އިތުރަށް ލިބެއެވެ.

ސޯލްޝެއާ ބުނީ ސެމީގެ މެޗަށް ތައްޔާރުވާން ޗެލްސީއަށް އިތުރު ދެ ދުވަސް ލިބޭއިރު، އެޓީމުގެ ކުޅުންތެރިން ރިކަވާވާން ވެސް ވަރަށް ގިނަ ވަގުތު ލިބޭ ކަމަށެވެ. އަދި ސީޒަން ފެށުނުއިރުވެސް އަދި ކޮވިޑް-19ގެ ބްރޭކަށްފަހުވެސް ޔުނައިޓެޑަށް އިންސާފުވެރިކޮށް ޝެޑިއުލް ހަދާފައިނުވާ ކަމަށް ސޯލްޝެއާ ބުންޏެވެ.

ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ކަންބޮޑުވުން ފާޅުކުރިއިރު، ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗުގައި އެޓީމުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އާއި، ލޫކް ޝޯ އަދި ބްރެންޑަން ވިލިއަމްސްއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ.

އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް މިވަގުތު ޕްރިމިއާ ލީގުގެ ތާވަލުގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 59 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:15 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް