މި ފަހަކަށް އައިސް އިތުރުވަމުން އަންނަ ގެވެށި އަނިޔާގެ މައްސަލައާ ގުޅޭ ގޮތުން މުޅި މުޖްތަމައު ހޭލުންތެރިކުރުމުގެ މަގްސަދުގައި ޖެންޑަރ މިނިސްޓްރީން "ގެވެށި ގުޅުން" ގެ ނަމުގައި ގައުމީ ކެމްޕެއިނެއް ފަށައިފިއެވެ.
މި ކެމްޕެއިން ފަށްޓަވައިދެއްވީ ބުދަ ދުވަހު ހަވީރު ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ. ތިން މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނު އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓަރު ވަނީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އަންހެނުން ކަމަށްވުމާއެކު ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފިރިހެނުންގެ ބައިވެރިވުން ވީހާ ވެސް ބޮޑަކަށް އޮތުމަަށް އެދިވަޑައިގަންފައެވެ.
މި ކެމްޕެއިން އިފްތިތާހްކުރުމާ ހަމައަށް ކުރެވުނު މަސައްކަތްތަކައި ފިރިހެނުން ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށާއި އެކަން ކުރިއަށް އޮތްތަނުގައި ވެސް ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ވާޗުއަލްކޮށް އިފްތިތާހްކުރި މިއީ ފުރަތަމަ ފަހަރެވެ. ކެމްޕެއިން ފެށުމަށް ބޭއްވި ހާއްސަ އިވެންޓްގައި ކެމްޕެއިންއަށް ހާއްސަކުރެވިފައިވާ ލަވައެއް ވެސް ދައްކަލާފައެވެ. ކެމްޕޭނުގެ ޝިއާރަކީ "އަނިޔާއަކަށް ވަންޏާ ހަނު ނުހުންނާނަން" އެވެ.
މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްޕެއިންގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ.
އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދެވޭ ލައިވް ޕްރޮގްރާމް ތަކުގެ އިތުރުން ހޭލުންތެރިކުރުމުގެ މެސެޖްތައް ސޯޝަލް މީޑިއާ މެދުވެރިކޮށްގެންނާއި، ސްޓްރީޓް އާޓް އަދި ބިލްބޯޑް ފަދަ ވަސީލަތްތަކުގެ އެހީގައި އާންމުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނި ތަކުން ފޯރުކޮށްދިން އެހީތެރިކަމާއި، ކްރިއޭޓިވް އާޓްގެ ދާއިރާގައި ރާއްޖޭގައި ތިބި ބައެއް މަޝްހޫރު ފަންނާނުން ހިލޭ ސާބަހަށް ކޮށްދިން މަސައްކަތްތަކާއެކު ފެށި ކެމްޕެއިންގެ ހަރަކާތްތަކަށް ގިނަ ބައެއްގެ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ލިބިގެންދާނެ މިނިސްޓްރީން އުއްމީދު ކުރެއެވެ.