ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 12:36
ސަސުއޯލޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 3-3 ން
ސަސުއޯލޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 3-3 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ސަސުއޯލޯއިން ޔުވެންޓަސް މޮޅުވިޔަނުދީ ހިފަހައްޓައިފި
ސަސުއޯލޯ އާއި ޔުވެންޓަސް އެއްވަރުވީ 3-3 ގެ ނަތީޖާއަކުން
މިއީ ލީގުގައި ޔުވެންޓަސް ޖެހިޖެހިގެން އެއްވަރުވި ދެވަނަ މެޗު

އިޓާލިއަން ލީގުގައި ސަސުއޯލޯއިން ޔުވެންޓަސް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ބުދަ ދުވަހުގެރޭ ސަސުއޯލޯގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މިރަލެމް ޕިޔަނިޗްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑެނީލޯއެވެ. މި ލަނޑަށްފަހު ވެސް ޔުވެންޓަސްއިން ވަނީ ސަސުއޯލޯގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ޕިޔަނިޗް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ހިގުއެއިން އެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސުއޯލޯއިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފިލިޕް ޑަރިޗިޗްއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ސަސުއޯލޯއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 51 ވަނަ މިނެޓުގައި ޑޮމެނިކޯ ބެރާޑީގެ ލަނޑުން ސަސުއޯލޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސަސުއޯލޯއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރެންސެސްކޯ ކަޕޫޓޯއެވެ.

މި މެޗުން ބަލިވިޔަނުދީ ޔުވެންޓަސް ސަލާމަތް ކޮށްދިން ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެލްކްސް ސަންޑްރޯއެވެ.

މި ނަތީޖާ އާއެކު ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ކުޅުނު 33 މެޗުން ލިބުނު 77 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތް އެޓަލާންޓާއަށް 33 މެޗުން 70 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލާޒިއޯއަށް 33 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. ޔުވެންޓަސްއާ އެއްވަރުކުރި ސަސުއޯލޯ އޮތީ ތާވަލުގެ އަށްވަނައިގައި 33 މެޗުން 47 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް