ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ ކްލިނިކަލް ޓްރެއަލް ކާމިޔާބު ކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފިއެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންސާނުން ބޭނުން ކޮށްގެން ކުރި ފުރަތަމަ ކްލިނިކަލް ޓްރެއަލްތައް ނަތީޖާ ރަނގަޅު ކަމަށާއި، ދިފާއީ ނިޒާމު ވަރުގަދަ ވެފައިވާ ކަމަށެވެ. އަދި މިއީ އިންސާނުންގެ ހަށިގަނޑަށް ސަލާމަތްތެރި ވެކްސިންއެއް ކަަމަށް ފާހަގަކޮށްފައިވެއެވެ.
ރަޝިއާގެ ސައިންސްވެރިންގެ ޓީމާ ހަވާލާދީ ރޮއިޓަރޒްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި 18 ވޮލެންޓިއަރުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑުން ވެކްސިންގެ ސައިޑް އިފެކްޓް ފެނިފައިވާ ކަމަށެވެ. މި 18 މީހުންގެ ސިއްހީ ހާލަތު ސީޗަނޮވް ޔުނިވާސިޓީން އެއްމަސް ދުވަސް ވަންދެން ހާލު ބަލާ މޮނިޓަރ ކޮށްފައިވާ ކަމަށެވެ.
ރަޝިޔާގެ ސައިންސްވެރިން ޓީމުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް އޮގަސްޓް މަހު މެދު ތެރޭގައި ކުރިއަށްވުރެ ގިނަ ވޮލެންޓިއަރުން ބޭނުން ކޮށްގެން އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށެވެ. އަދި ވޮލެންޓިއަރުންގެ ދިފާއީ ނިޒާމަށް ކުރާ އަސަރާއި، ދިފާއީ ނިޒާމުގެ ވަރުގަދަކަން އަންދާޒާ ކުރެވި، އަސަރާއި ބާރު ކިހާ ދުވަހަކަށް ދެމި ހުރޭތޯ ދެނިގަނެވިގެން ދާނެ ކަމަށް އެ ޓީމުން ބުނެއެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އަދި މިހާތަނަށް އައިއިރު ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް މި ވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ކުރަމުންނެވެ.
ރޮއިޓަރޒްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި 100 ށް ވުރެ ގިނަ ވެކްސިން ޓެސްޓު ކުރަމުންދާއިރު، 19 ވެކްސިންއެއްގެ ހިއުމަން ޓްރަޔަލް މިހާރު ވަނީ ފަށާފައެވެ. އަދި އެންމެ ފަހު ހިއުމަން ޓްރެއަލް ފޭސްގައި އޮތީ އެންމެ ދެ ވެކްސިންއެކެވެ.